ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމަށް އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލު ކޮށްފިނަމަ، މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްމާހުކުރަން ރައްޔިތުންގެ މަޖިލިހަށް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލިހަށް ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް އެންޓި ޑިފެކްޝަން ގާނޫނުގައި ކަނޑައަޅާފައިވާއިރު، ގާނޫނީ ފަންނުގެ ބޭފުޅުން ވަނީ އެގާނޫނުގެ ބައެއް މާއްދާތައް ގާނޫނުއަސާސީ އާއި ޚިލާފުވާކަން ފާހަގަކޮށްފައެވެ.
މީގެއިތުރުން، މިގާނޫނުގެ ބައެއް މާއްދާތައް ބާޠިލު ކުރުމަށް އަމިއްލަ ފަރާތަކުން ވަނީ އިއްޔެ ހައިކޯޓަށް ވެސް މައްސަލައެއް ހުށަހަޅާފައެވެ. މިމައްސަލަ އާއި ގުޅިގެން ބާތިލުކުރަން އެދިފައިވަނީ އެ ގާނޫނުގެ ކޮން މާއްދާތަކެއްކަން އަދި ސާފުނުވާއިރު އަދި މި މައްސަލަ ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާފައި ނުވާ ކަމަށް ހައި ކޯޓުން ބުނެފައިވެއެވެ.
ގާނޫނު އަސާސީއަށް މިފަދައިން އިސްލާހު ގެނެވިއްޖެނަމަ އަންނަނިވި ހާލަތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ އެމެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
- ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު އިންތިހާބުވި ރައްޔިތުންގެ މަޖިލިހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
- ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލިހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
- އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
މިގާނޫނުގާއި މަޖިލިސް މެންބަރު ނިސްބަތްވާ ދާއިރާއެއްގައި ރިކޯލް ވޯޓު ނެގުން ހިމަނާފައިވާއިރު، ރިކޯލް ވޯޓެއް ނަގައި ހާލަތެއްގައި ޕާޓީ ބަދަލުކުރި މެންބަރަކު އެ ވޯޓު ކާމިޔާބުކޮށްފިނަމަ ޕާޓީ ބަދަލުކުރުމުގެ ހައްގު ލިބޭނެ ކަމަށާއި އަދި، ރިކޯލް ވޯޓު ކާމިޔާބު ނުވެއްޖެ ނަމަ އެ މެންބަރެއްގެ މަގާމު ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ހުސްވާ ގޮނޑިތަކަށް އަލަށް މެންބަރުން އިންތިޚާބުކުރަން ބައި-އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށާއި އެގޮތަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ގޮނޑި ގެއްލޭ ބޭފުޅުންނަށް ވެސް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، އެ މެންބަރުން އިސްތިއުފާ ނުދީފި ނަމަ އަމަލުކުރާނެ ގޮތެއް މިގާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި މެންބަރެއްގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތެއް ބަޔާންކޮށްފައިވާ އިރު، އޭގެ ތެރޭގައި،
- އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން.
- ފަނޑިޔާރަކު ކަމުގައިވުން.
މިހެންކަމުން މެންބަރުން ގޮނޑި ގެއްލޭނެކަމަށް ކަނޑައަޅާފައިވާ އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫނުއަސާސީއާ ފުށުއަރާ ގާނޫނެއް ކަމަށް ގާނޫނީ ފަންނުގެ ބައެއް ބޭފުޅުން ދެކިލައްވައެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި މެންބަރު ޝާހިދު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަފަދަ ކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލިހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމުގައި ކަނޑައެޅުމަށާއި ދިވެހިރާއްޖޭގެ ސަރަހައްދެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމަށް ބޭރުގެ ސިފައިންނަށް ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެން ކަމަށް ކަނޑައެޅުމަށް، ރާއްޖޭގެ ސިޔާދަތީ ގާނޫނު އިސްލާހުކުރުމަށް ވެސް ހުށަހަޅާފައެވެ.




