އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހެޅި އެންމެ ސޮފްހާއެއްގެ އިސްލާހެއް، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ މަރުހަލާގައި ތާށިވެފައި އޮންނަތާ މިއަދަށް 163 ދުވަސްވެއްޖެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މެންބަރު މީކައިލް މިހެން ވިދާޅުވެފައިވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައި ދިނުމަށް ސަރުކާރަށް ގޮވާލައި މިއަދު ކުރިއަށްދިޔަ މަޖިލިސް ޖަލްސާގައެވެ.
އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް ވިދާޅުވީ އެންމެ ސޮފްހާއެއްގެ އެ އިސްލާހު ކޮމިޓީ މަރުހަލާގައި ”ހަމަ ރީއްޗަށް މޭޒުމަތީގައި“ ބާއްވާފައި އޮންނަތާ މިއަދު 163 ދުވަސް ވެފައިވާ ކަމަށާއި މި ބިލު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަމުން ވެސް އެމަނިކުފާނު ވަރަށް އިހުލާސްތެރިކަމާއެކު އެދިލެއްވީ މިކަމަކީ ޤައުމީ ކަމެއްގެ ގޮތުގައި ދެކުމަށް ކަމަށެވެ.
”މި ބިލު ފުރަތަމަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަމުންވެސް އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު އެދުނިން މިކަމަކީ ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ސިޔާސީ އެކިއެކި ތަފާތުތައް އެއްކައިރިކޮށް މިބިލުގެ މިބިލުގެ މަސައްކަތް އަވަސްކޮށްދޭން. އެހެންނަމަވެސް މި ރައްޔިތުންގެ މަޖިލިހުގައި އެދުވަހު އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ތަފާތު މަންޒަރެއް.“ މެންބަރު މީކައިލް ނަސީމް ވިދާޅުވިއެވެ.
މީގެއިތުރުން މެންބަރު މީކައިލް ވިދާޅުވީ މި މައުޟޫއަށް ބަހުސްކޮށްލަން މަޖިލިހުގެ 93 މެންބަރުންވެސް އެ ޝައުޤުވެރިކަމާއި ކެރުންތެރިކަން ހުންނާނެކަމަށް އެމަނިކުފާނު ހީކުރެއްވި ކަމަށާއި އެހެންނަމަވެސް މަޖިލިހުން ފެނުނީ ސިޔާސީ ޕާޓީއެއްގެ އާރާއި ބާރު މަޖިލިހުގެ މެންބަރުންތަކެއްގެ މައްޗަށް އަތްގަދަ ކޮށްފައި އޮތް މިންވަރު ކަމަށެވެ.



