ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަކީ ”ބޮޓުން“ ގޮތުގައި ސިފަ ނުކުރެއްވުމަށް މަޖިލިހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އެދިވަޑައިގެންފިއެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމް މިހެން ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރެއްވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
އެގޮތުން މެންބަރު މީކާއިލް ވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރާ ބިލު މަޖިލިހުގެ ކޮމިޓީ މަރުހަލާގައި ”ތާށިވެފައި އޮންނަތާ 163 ދުވަސް ވެއްޖެ“ ކަމަށް ވިދާލުވެ އެކަމަށްޓަކައި ސަރުކާރަށާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވެފައެވެ.
މެންބަރު މީކާއިލް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ”މޮޔައިން“ ކަމަށް ދެކިގެން އަދި ރައްޔިތުންނަށް ވާނުވާ ނޭނގޭ ކަމަށް ދެކިގެން އެއްވެސް މީހަކު މިއަދު އަމަލު ކޮށްގެން ނުވާނެ ކަމަށެވެ.
”މަޖިލީހުގެ ކޮމިޓީ މޭޒުމަތީގައި އެއް ސޮފްހާގެ ބިލެއް ބާއްވައިގެން ފަސް މަސް ދުވަސް ހޭދަ މިކުރަނީ ކޮން ބޭނުމެއްގައިތޯ؟ މިއުޅެނީ ދިވެހިރާއްޖޭގެ ސަރުކާރު ފިނޑިވެގެން. ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ އިންތިހާބުވެވަޑައިގެން ތިއްބެވި މެންބަރުންނަށް ކޮންޓްރޯލު ކުރެއްވުމުގެ ބޭނުމުގައި (ސިޔާސީ ގޮތުން އެބޭފުޅުން ކޮންޓްރޯލު ކުރެއްވުމުގެ ބޭނުމުގައި) މި ރައްޔިތުންގެ މަޖިލިސް އޮޕަރޭޓް ކުރެވިގެންދާ މަންޒަރު އަޅުގަނޑުމެންނަށް މިފެންނަނީ. މިއީތޯ ރައްޔިތުންގެ މަންދޫބުން މިއަދު އެދޭ ގޮތަކީ؟ މިއީތޯ ސިޔާސީ ޕާޓީއެއްގެ ޕަޕެޓުންނަށް ވެގެން، ބޮޓުންނަށް ވެގެން މިތާ އުޅުއްވަންތޯ ރައްޔިތުންގެ މަންދޫބުން މިއަދު އެދިލައްވަނީ؟“ މެންބަރު މީކާއިލް ސުވާލުކުރައްވާފައިވެއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްގެ އެ ވާހަކަފުޅާ ގުޅިގެން މަޖިލިހުގެ ރައީސް އަބްދުއްރަހީމް ވަނީ ރައްޔިތުންގެ މަޖިލިހުގެ ކަރާމާތް ގެއްލޭގޮތަށް ވާހަކަ ނުދެއްކުމަށް މެންބަރުގެ ކިބައިން އެދިލައްވާފައެވެ. އަދި މަޖިލިހުގެ އިއްޒަތްތެރި މެންބަރުންނަކީ ބޮޓުންކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދެއްކުމަކީ މަޖިލިހުގެ މެންބަރުންގެ ގަދަރާއި އިއްޒަތްތަށް އުނިކަމެއް އަންނާނެ ކަމެއް ކަމަށާއި އެހެންކަމުން އެމޭރުމުން ވާހަކަ ނުދެއްކުމަށް ވެސް މަޖިލިސް ރައީސް އެދިލެއްވިއެވެ.




