މަޖިލިސް މެންބަރަކު ނިސްބަތްވާ ޕާޓީން އެމީހަކު ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ، އެ މީހެއްގެ މެންބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިސްލާހު، މަޖިލީހަށް ބަލައިގެނެ، އެ ބިލު އަވަސް ކުރަން މުޅި މަޖިލިހުގެ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިހަށް މި ބިލު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.
މިބިލަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމަށް އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލު ކޮށްފިނަމަ، މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްމާހުކުރަން ރައްޔިތުންގެ މަޖިލިހަށް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހުށަހަޅާފައިވާ ބިލެކެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް އެންޓި ޑިފެކްޝަން ގާނޫނުގައި ކަނޑައަޅާފައިވާއިރު، ގާނޫނީ ފަންނުގެ ބޭފުޅުން ވަނީ އެގާނޫނުގެ ބައެއް މާއްދާތައް ގާނޫނުއަސާސީ އާއި ޚިލާފުވާކަން ފާހަގަކޮށްފައެވެ.
މީގެއިތުރުން، މިގާނޫނުގެ ބައެއް މާއްދާތައް ބާޠިލު ކުރުމަށް އަމިއްލަ ފަރާތަކުން ވަނީ އިއްޔެ ހައިކޯޓަށް ވެސް މައްސަލައެއް ހުށަހަޅާފައެވެ. މިމައްސަލަ އާއި ގުޅިގެން ބާތިލުކުރަން އެދިފައިވަނީ އެ ގާނޫނުގެ ކޮން މާއްދާތަކެއްކަން އަދި ސާފުނުވާއިރު، މި މައްސަލަ ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާފައި ނުވާ ކަމަށް ހައި ކޯޓުން ބުނެފައިވެއެވެ.
ގާނޫނު އަސާސީއަށް މިފަދައިން އިސްލާހު ގެނައުމުން އަންނަނިވި ހާލަތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ އެމެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
- ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު އިންތިހާބުވި ރައްޔިތުންގެ މަޖިލިހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
- ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލިހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
- އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މަޖިލިހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 93 އެވެ. އޭގެތެރެއިން މިއަދުގެ ޖަލްސާއަށް ހާޒިރުވެފައިވަނީ 82 މެންބަރުންނެވެ. މި އިސްލާހުގެނައުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ ހާޒިރުވީ މެންބަރުންގެ ތެރެއިން 69 މެންބަރުންނެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓޫ ދޭން ބޭނުން ނުވާކަމަށް ވޯޓު ދިން މެންބަރަކު ނެތެވެ.




