ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން އެންގިއިރު، ރައީސް ޔާމީންއާ ދެކޮޅަށް އައު ހެކި ބަލައިނުގަންނަން ހައި ކޯޓުން އަންގާފައިވާ އެންގުން ބަދަލުކުރަން ދައުލަތުން ހުށަހެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ފަށައިފި އެވެ.
ރިޔާސީ ރަށް ކަމުގައިވާ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަތާ ގުޅިގެން ދަށު ކޯޓުން އިއްވި 11 އަހަރުގެ ހުކުމް ބާތިލުކޮށް އެމައްސަލަ އަލުން ބަލަން ހައިކޯޓުން ކްރިމިނަލް ކޯޓަށް އެންގީ މިއަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގައެވެ.
އެގޮތުން މިމައްސަލަ އަލުން ބަލާއިރު ރިއާޔަތް ކުރަންވީ ކަންތައްތައް ވެސް ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފައެވެ. އޭގެ ތެރެއިން އެއް ކަމަކީ ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިގެންފައި ވަނީ އިޖުރާއަތާ ހިލާފަށް ކަމުން އެ ހެކި އެއްފަރާތްކޮށް މައްސަލާގައި ގޮތެއް ނިންމުމެވެ.
އެހެންކަމުން އައު ހެކިތައް އެއްފަރާތްކޮށްލުމަށް އަންގާފައިވާ ބައި ބާތިލުކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން 24 ޖުލައި ގައި ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.
މި މައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވާއިރު ދައުލަތުން ކޯޓުގައި އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާއުން ހުށަހެޅުމެއް އޮތް ނަމަ ހުށަހެޅުމުގެ ފުރުސަތު ދިނުމަށާއި އެ ހެކިތަކާ ގުޅިގެން ދެ ފަރާތުން ޝަރީއަތުގައި ބަހުސްކުރުމުގެ ފުރުސަތު ދިނުމަށެވެ. އަދި އެ ހެކިތައް ބަލައިގަތުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައިދިނުމަށް ވެސް ދައުލަތުގެ ފަރާތުން އެދިފައިވެއެވެ.




