އިޒްރޭލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ނެރޭ ބަޔާންތަކާއި، ދައްކާ ވާހަކަތަކާއި ކުރާ ސުވާލުތައް އިނގިރޭސިބަހުން ކުރުމަށް ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝުޖާއު ގޮވާލައްވައިފިއެވެ. މެންބަރު ޝުޖާއު ވިދާޅުވީ އެމްޑީޕީން އެފަދައިން ކަންތައް ކޮށްފިނަމަ ހަމަޔަގީނުންވެސް އިޒްރޭލުގެ ފަރާތުން އެމްޑީޕީއަށް ލިބޭ ފައިސާތައް ނުލިބޭނެ ކަމަށެވެ.
ބާރަށު ދާއިރާގެ މެންބަރު މިހެން ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ ބިލު އަވަހަށް ފާސް ކުރުމަށް ސަރުކާރަށް ބާރު އެޅުމަށް އެދި އިދިކޮޅު މެންބަރުންގެ ފަރާތުން ހުށަހަޅާފައިވާ ގަރާރަށް މިއަދު ބަހުސް ކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން މެންބަރު ޝުޖާއު ވިދާޅުވީ އެފަދަ ކަންކަމަކީ އެހެން ޤައުމުތަކާވެސް ގުޅިފައި ހުންނާނެ ކަންކަމަށްވާއިރު ހަމަ ހުރެފައި މިފަދަ ކަންކަމުގައި ގޮތް ނުނިންމޭނެ ކަމަށެވެ.
މީގެއިތުރުން ޝުޖާއު ވަނީ އިޒްރޭލާ ދެކޮޅަށް އެމްޑީޕީން ބަޔާނެއް ނެރޭއިރު އިނގިރޭސި ބަހުން ލިޔެފައި ނުނެރުއްވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި އެމްޑީޕީން ބޭނުންވާ ކަމެއްގައިނަމަ އިނގިރޭސި ބަހުން ބަޔާން ނެރުއްވާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
”ޕާޓީން ބަޔާނެއް ނެރުނަސް ނެރެނީ ދިވެހިން، އެހެންނަމަވެސް މިބޭފުޅުން ބޭނުންވާ ކަމެއްވިއްޔާ އިނގިރޭސިބަހުން ނެރެނީ. އެހެންވީމަ ކޮމިޓީގެ މުގައްރިރުވެސް، އެމްޑީޕީ މެންބަރުން ކޮމިޓީއަށް ހާޒިރު ކުރައްވާއިރު އިނގިރޭސިބަހުން ސުވާލު ކުރައްވަން އަޅުގަނޑަށް ފެންނަނީ. އޭރުން ޔަގީން އިޒްރޭލުން އެލިބޭ ފައިސާތަކެއް އެމްޑީޕީއަކަށް ނުލިބޭނެކަން“ މެންބަރު ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން މި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، އިޒްރޭލާ ދެކޮޅަށް އެންމެ ގިނައިން ބޭރުގެ އެކިއެކި ޕޯޑިއަމްތަކުގައި ވެސް ވާހަކަ ދައްކަވާފައި ވާނީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި އެހެންކަމުން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ވެސް ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލިހުން އެންމެ އެދެވޭ ނިންމުމެއް ނިންމަވާނެ ކަމަށެވެ.



