ގާނޫނުތައް ހެދުމުގައި ރައްޔިތުންގެ މަޖިލިސް މެންބަރުން ގެންގުޅޭ ހަލުވި ސްޕީޑަކީ މިއަދު ގައުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަމަށް މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހަށް ހުށަހެޅި، ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައި، އަދި އެ ކޮމިޓީން ވެސް ފާސްކޮށްފައިވެއެވެ.
މި ބިލަށް ބަހުސްކުރުމަށްފަހު ޖަލްސާ ނިންމަވާލައްވަމުން، މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވަނީ މި ބިލުގެ މަސައްކަތް ވަރަށް ފުރިހަމައަށް ކޮށްދެއްވީތީ މުޅި މަޖިލީހުގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.
”ތިޔަ ބޭފުޅުން ގާނޫނުއަސާސީއާއި ގާނޫނުތައް ހެއްދެވުމުގައި ގެންގުޅުއްވާ ހަލުވި ބާރު ސްޕީޑު، އެއީ މިއަދު މި ގައުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމުގައި ދަންނަވަން،“ އަބްދުލްރަހީމް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ގާނޫނުއަސާސީގައި ހިމަނަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ބިލުގައި ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.


