ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މާލެ ސަރަޙައްދަށް ރަޖިސްޓްރީކުރި އުޅަނދުތަކުގެ އަދަދު މަދުވެއްޖެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ބުނީ މާލެ ސަރަޙައްދަށް އޮތް ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. މި ގޮތުން ޤާނޫނާއި ޤަވާއިދުގެ ތެރެއިން ނޫން ގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓްރީކުރުން ނިމުމަކަށް ގެނެސް، ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމު މަސައްކަތްތަކެއް ފަށްޓަވާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
”މި މަސައްކަތުގެ މަޤުޞަދަކީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމަށާއި އަދި އުސޫލުން ބޭރުން ރަޖިސްޓްރީވަމުންދިޔަ ދިޔުން ނިމުމަކަށް ގެނައުމެވެ،“ އެ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރި އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވެއެވެ. މާލެ ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ނިސްބަތް 74.1 އިންސައްތައަށް ދަށްވެފައިވާއިރު، ދެ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރި ނިސްބަތް 8.1 އިންސައްތައަށް ވަނީ މަދުވެފައެވެ.
މިއަދަދުތަކުން ފެންނަނީ، މާލޭގެ ތޮއްޖެހުން ކުޑަކޮށް ދަތުރުފަތުރާ ގުޅޭ ނިޒާމު ހަރުދަނާ ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ބަދަލުކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ ގަރާޖު ސިޓީ ދޫކުރުމުގައި މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ ނިޒާމު ވަނީ ހަރުދަނާކޮށްފައި ކަމަށެވެ. މި މަސައްކަތްތަކަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ހަލާކުވާން ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށް ދުއްވާ އުޅަނދުތައް ޤަވާއިދުގެ ތެރެއަށް ވެއްދުމުގެ ފުރުޞަތުވެސް އުވުޒާރާއިން ވަނީ ފަހިކޮށްދީފައެވެ.



