ގާނޫނު އަސާސީ އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެންބަރުން މަޖިލިސް ތަޅުމުގައި އިހުތިޖާޖު ކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލިހަށް ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް އެންޓި ޑިފެކްޝަން ގާނޫނުގައި ކަނޑައަޅާފައިވާއިރު، ގާނޫނީ ފަންނުގެ ބޭފުޅުން ވަނީ އެގާނޫނުގެ ބައެއް މާއްދާތައް ގާނޫނުއަސާސީ އާއި ޚިލާފުވާކަން ފާހަގަކޮށްފައެވެ.
މީގެއިތުރުން، މިގާނޫނުގެ ބައެއް މާއްދާތައް ބާޠިލު ކުރުމަށް އަމިއްލަ ފަރާތަކުން ވަނީ އިއްޔެ ހައިކޯޓަށް ވެސް މައްސަލައެއް ހުށަހަޅާފައެވެ. މިމައްސަލަ އާއި ގުޅިގެން ބާތިލުކުރަން އެދިފައިވަނީ އެ ގާނޫނުގެ ކޮން މާއްދާތަކެއްކަން އަދި ސާފުނުވާއިރު އަދި މި މައްސަލަ ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާފައި ނުވާ ކަމަށް ހައި ކޯޓުން ބުނެފައިވެއެވެ.
މިއިސްލާހަށް ވޯޓު ނެގުމަށް ދެކޮޅު ހަދައި، އިދިކޮޅު އެމްޑީޕީ މެންބަރުން މިއަދު ވަނީ މަޖިލިސް ތަޅުމުގައި އިހުތިޖާޖު ކޮށްފައެވެ. އެހެންނަމަވެސް 78 މެންބަރުންގެ ވޯޓާއެކު މަޖިލީހުގައި މިއަދު މި އިސްލާހު ވަނީ ފާސްވެފައެވެ.



