އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ހުށަހަޅާފައިވާ 56.6 ބިލިއަންގެ ބަޖެޓަށް އިތުރު ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ބަޖެޓު ފާސްކޮށްފައި ވަނީ މިއަދު ބަޖެޓް ކޮމިޓީގައި ބައިވެރިވެވަޑައިގެނެވި 19 މެންބަރުންގެ ތެރެއިން 15 މެންބަރުންގެ ވޯޓާއެކުއެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ހުށަހެޅުއްވި އިސްލާހުތަކާއެކު ކޮމިޓީން ބަޖެޓު ފާސްކޮށްފައިވާއިރު، އެ އިސްލާހުތަކުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ބެހިފައިވާ ގޮތް އެނގޭނެ ގޮތުގެ ލިސްޓެއް ފެބްރުއަރީގެ ނިޔަލަށް މަޖިލީހަށް ހުށަހެޅުމަށާއި މިހާރު ސޮއިކޮށްފައިހުރި މަޝްރޫއުތަކުގެ ތެރެއިން ހިންގާނެ އަދި ނުހިންގޭނެ މަޝްރޫއުތައް އެނގޭނެ ގޮތަށް މާޗުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް ވަނީ ޝަރުތުކޮށްފައެވެ. އަދި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓެއް ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހެޅުމަށް ވެސް ކޮމިޓީން ވަނީ ޝަރުތުކޮށްފައެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގައި ބޯހިޔާވެހި ކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށާއި މިއީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން އިތުރުކޮށް ކޮމިޓީން ފާސްކޮށްފައިވާ ބަޖެޓު މި އަހަރު ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާ އިތުރުވާނެއެވެ. މީގެއިތުރުން ކޮމިޓީން ފާސްކޮށްފައިވާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވާ ގޮތުގައި މި ޚަރަދުތަކުގެ އިތުރުން، ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާއާއި، ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާވެސް މިބަޖެޓުގައި ވަނީ ހިމަނާފައެވެ.



