އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ތިން ކުންފުންޏަކާއި އެކު އެއްބަސްވުންތަކެއްގައި ސޮއިކޮއްފިއެވެ.
މަތީ ތަޢުލީމާއިބެހޭ ވުޒާރާއިން އެއްބަސްވުން ހަދާފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އިތުރުން ވިލާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ގްރޫޕާއި އެކުއެވެ.
މިއެއްބަސްވުންތަކުގައި އެވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާއެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެކުންފުނީގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި ފެން ކުންފުނީގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އަބްދުލް މަތީން މުހައްމަދު ސޮއިކޮށްފައިވާއިރު، ވިލާ ރިޒޯޓްސްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެކުންފުނީގެ ޑިރެކްޓާ އޮފް ލަރނިން އެންޑް ޑެވެލޮޕްމަންޓް ހަސަން ޝަމާމުއެވެ.
މި އެއްބަސްވުންތައް ތަންފީޒު ކުރެވިގެންދާނީ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ ދަށުން މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ގުޅުވާލަ ދިނުމަށް ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ ސެއިލްސް ޕްރޮޖެކްޓުން ހިންގާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް ވަޒީފާ އަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށް ދިނުމަށް މަގުފަހިކޮށް ދިނުމާއި، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.
މީގެއިތުރުން ވެސް، ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުމާއި އެ މަސައްކަތްތަކުގެ ތެރެއިން ނެޝަނަލް ކެރިއާސް ސާވިސް ތަރައްގީކޮށް މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ގުޅުވާދޭ ޕްލެޓްފޯމްގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރެވިގެން ދާނެ ކަމަށް މަތީ ތަޢުލީމާއިބެހޭ ވުޒާރާއިން ބުނެފައިވެއެވެ.




