ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުހޯދައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 91 މެންބަރުންގެ ތެރެއިން 78 މެންބަރުންގެ ވޯޓާއެކުއެވެ. މިބިލާއި ދެކޮޅަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.
މީގެކުރިން ގާނޫނުއަސާސީގައި ކަނޑައަޅުއްވާފައިވާ ގޮތުގައި ދިވެހިރާއްޖޭގެ އެތޭރޭ ކަނޑާއި ދިވެހިރާއްޖޭގެ އާކިޕެލިޖިކް ކަނޑާއި ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑާ ގުޅިފައިވާ ކަނޑާއި ދިވެހިރާއްޖޭގެ ޚާއްސަ އިޤުތިޞާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަފަދަ އެއްވެސް ކަމެއް ކުރެވޭނީ މަޖިލީހުގެ މެންބަރުންގެ ރުހުން ހޯދުމަށްފަހުގައިކަމެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނުވެއެވެ.
ނަމަވެސް މިއަދު ފާސްކޮށްފައިވާ މިއިސްލާހުގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަފަދަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްވާ ޤާނޫނަކުންކަމަކަށް ވަނީ ބަޔާންކޮށްފައެވެ.
މީގެ ސަބަބުން ކަނޑުގެ ސަރަހައްދަށް އުނިކަން އަންނަފަދަ ކަންކަންކުރުމުގެ ފުރުޞަތު ސަރުކާރުތަކަށް ހަނިވެގެންދާނެއެވެ.
މިސަރުކާރުން ހާމަކޮށްފައިވާ ގޮތުން ކުރީ ސަރުކާރުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އުނިކަން އަންނަފަދަ ކަންކަންކޮށްފައެވެ. މީގެސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާކަން ވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައިވެއެވެ.



