ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހުކޯށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލިހަށް ވެއްދި ބިލުގެ މުޅި މަސައްކަތް އެންމެ 10 ގަޑިއިރު ތެރޭގައި ނިމި، އެ ބިލު ރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ވެސް ކުރެއްވުމުން ރާއްޖޭގެ 11 މަދަނީ ޖަމިއްޔާއަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފިއެވެ.
އެގޮތުން ނޫސްބަޔާން ނެރެފައިވާ ޖަމިއްޔާތަކަކީ:
- ޓްރާންސްޕޭރެންސީ މޯލްޑިވްސް
- ސޭވް މޯލްޑިވްސް
- އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް
- އުތެމާ
- އީކުއަލް ރައިޓްސް އިނިޝިއޭޓިވް
- ޒީރޯ ވޭސްޓް މޯލްޑިވްސް
- މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން
- ހޯޕް ފޯ ވިމެން
- ޕްރޮޖެކްޓް ތިމާވެށި
- ބިލީފް މޯލްޑިވްސް
- އިކޯކެއާ މޯލްޑިވްސް
މިޖަމިއްޔާތަކުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އިއްޔެ ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ފާސްކޮށް ތަސްދީގު ކުރުން ޖަމިއްޔާތަކުން ހަރުކަށި އިބާރާތްތަކުން ކުށްވެރި ކުރާ ކަމަށެވެ.
”މިކަމަކީ ގާނޫނުއަސާސީ އިސްލާހު ކުރުމުގައި އެއްވެސް ހާމަކަމެއްނެތި އަވަސް އަރުވާލައި، ގާނޫނުތައް ހެދުމުގައި ގެންގުޅެންޖެހޭ އިޖުރާއަތްތަކާއި އުސޫލުތަކަށް ނުބެލުމާއި އަސާސީ ދިމިގްރާތީ ހަމަތައް ހަނިކުރުމަށް ބާރުއެޅޭ ފަދަ ގޮތަކަށް ކުރެވުނު މަސައްކަތެއްގެ ގޮތުގައި މި ޖަމިއްޔާތަކުން ދެކެމެވެ. އަދި ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ބުނާ މާއްދާ އާ ހިލާފުކަމެއް ކަމުގައި ދެކެމެވެ.“ އެ ބަޔާނުގައިވެ އެވެ.
މީގެއިތުރުން އެ ޖަމިއްޔާތަކުން ބުނީ އެ އިސްލާހު ފާސްކުރަން ހޭދަކޮށްފައިވާ މުއްދަތަކީ އެފަދަ އިސްލާހެއް ފާސްކުރަން ހޭދަކޮށްފައިވާ އެންމެ އެކަށީގެންވާ މުއްދަތު ނޫން ކަމަށެވެ.




