ދުންފަތާއި އޭގެ ބާވަތްތައް ވިއްކޭނީ އެކަމާބެހޭ ޚާއްސަ ލައިސަންސެއް އޮންނަ ފަރާތްތަކަށް ވަކި މުއްދަތަކަށް އެކަނި ކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ޤާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2024/23) އަށް އަމަލު ކުރަން މިމަހުގެ 15 ދުވަހުން ފެށިގެން އަމަލުކުރަން ފެށުމާއެކު ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ކޮންމެ ފަރާތަކާއި، ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ރާއްޖޭގައި ވިއްކާ ކޮންމެ ފަރާތެއްގެ ކިބައިގައި ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން މި ޤާނޫނުގެ އެ ވުޒާރާއިން ދޫކުރާ ސައްހަ ލައިސެންސެއް އޮންނަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުތަކާ ޚިލާފަށް އެއްވެސް ފަރާތަކުން ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެއަށް އެތެރެކޮށް ނުވަތަ ބޭރުކޮށް، ނުވަތަ ރާއްޖޭގައި ބަހައި، ވިއްކާ ހަދައިގެން ނުވާނެ ކަމަށް ދުންފަތާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ސިއްހަތާބެހޭ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް އެ ހުއްދަތައް ހޯދުމަށް ލާޒިމުވާނީ މި ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މި ހުއްދަތައް ދިނުމުގެ އުސޫލާއި އިޖުރާއަތުތައް ކަނޑައަޅާ ބަޔާންކުރާ ޤަވާއިދު އާންމުކުރުމުން އެ ޤަވާއިދުގައި ކަނޑައަޅާ މުއްދަތުގެ ތެރޭގައި ކަމަށް ވެސް ސިއްހީ ވުޒާރާގެ ބަޔާނުގައިވެއެވެ.
ދުންފަތް ކޮންޓްރޯލު ކުރުމުގެ ޤަވާއިދަށް ޢަމަލުކުރަން ފެށުމުން ވިޔަފާރިކުރާ ގިނަ ފަރާތްތަކުން ވަނީ ދުންފަތާއި އޭގެ ގިނަ ބާވަތްތަށް ވިއްކާ އަގު ބޮޑު ކޮށްފައެވެ. ނަމަވެސް އެއާއެކު ބައެއް އަމިއްލަ ފަރާތްތަކުން ވަނީ ދުންފަތުގެ އެކި ބާވަތްތައް ގަނެ، އަމިއްލަ ގޮތުން އެކަމުގެ ވިޔާފާރިކުރަން ފަށާފައެވެ.




