އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހެދުމަކީ މިސަރުކާރުގެ މުހިންމު ތަސައްވަރެއް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ”ހަފްތާ 52“ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެކަން ހާސިލުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރު މާލީ ވުޒާރާގައި މިކަމަށް ވަކި ޚާއްސަ ޑިޕާޓްމެންޓެއް ހަދާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އުސޫލުތަކާއި އެއްގޮތަށް ޝަރީޢާ އެޑްވައިޒަރީ ކޮމެޓީއެއް ގާއިމްކޮށްފައިވާ ކަމަށާއި އިސްލާމިކް ޓީބިލް ވަސީލަތްތައްވެސް ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ސަރުކާރުގެ ފުރަތަމަ ސުކޫކު އިޝޫކުރުމަށްވތައްޔާރުވަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އިސްލާމިކް ފައިނޭންސާއި ގުޅޭ ގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މިކަމުގެ ނަތީޖާ ކައިރި މުސްތަގްބަލެއްގައި ފެންނާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
”ލިސްޓުކުރާ އަދި ސަރުކާރު ނިސްބަތްވާ ފުރަތަމަ ސުކޫކު، ސީއެމްޑީއޭ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ހުއްދަ ނަގައިގެން، މިހާރު ތައްޔާރުވެފައިވަނީ އެ ސުކޫކު އިޝޫކުރުމަށް، އަދި އިސްލާމިކް އުސޫލުތަކުގެތެރެއިން ފަންޑުތައް ގާއިމްކުރުމަށްވެސް ދަނީ މަސައްކަތްކުރަމުން،“ ވަޒީރު ވިދާޅުވިއެވެ.




