ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ރައްޔިތުންގެ މަޝްވަރާ ބޭނުންވާ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ބިލު އިއްޔެ ރައްޔިތުންގެ މަޝްވަރާއެއް ނެތި އިއްޔެ ފާސް ކުރުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
މިއަށް ރައްދުދެއްވާ އަބްދުއްރަހީމް ވިދާޅުވީ ގާނޫނު އަސާސީގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ޖެހޭ ކަންކަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ މަޝްވަރާ ބޭނުންވާ ކަމެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެންޓި ޑިފެކްޝަން ގާނޫނު ހަދާފައި ވަނީ ވެސް ސަރުކާރަށް މެމްބަރުން ބަދަލުވެދާނެތީ އެކަމުގެ ބިރަށް ކަމަށް ވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.
”އެބޭފުޅުން ދައުރު ނިމި ނިމި އޮއްވައި ގާނޫނު [އެންޓި ޑިފެކްޝަން] ހެދީ. އެ ބޭފުޅުން ހީފުޅު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަކަށް ނުލިބޭނެއޭ. ދެން އެކަމަކު ސަރުކާރު އޮންނަ ޕާޓީއަކަށް މެމްބަރުން ހިނގާދާނެތީ، ބިރަށް ގާނޫނު ހެދީ،“ އަބްދުއްރަޙީމް ވިދާޅުވިއެވެ.
އަވަސް އަރުވާލާއިގެން ބިލު ފާސް ކުރުމަކީ މަޖިލީހުގެ ގަވައިދުގައި މަނާ ކަމެއް ނޫން ކަން ފާހަގަކުރައްވާ އަބްދުއްރަޙީމް ވިދާޅުވީ މީގެ ކުރީ ދައުރުތަކުގައި ވެސް އެއް ދުވަސް ތެރޭގައި އިސްލާހުތައް ގެނެސްފައިވާ ކަމަށެވެ. އަދި ޕީއެންސީއަށް ރައްޔިތުން ސުޕަ މެޖޯރިޓީ ދިނީ ބާރު ސްޕީޑުގައި ކުރިއަށް ދިއުމަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވެ އެވެ.
”ރައްޔިތުންގެ މަޖިލީހުގައި އޮތް ހުރިހާ އިޖުރާއަތެއް ފާސްވެގެން މި ބިލު ފާސްވެގެން ދިޔައީ. ދެން މި ޒަމާނަކު ނުޖެހޭ ދެއްތޯ 17 އަހަރު ވަންދެން ގާނޫނުތައް އިސްލާހު ކުރުމަށް ތިބި ގޮތަށް ގާނޫނުތައް އިސްލާހުކުރަން ތިބޭކަށް. އެއަށް ވުރެ މާބާރު ސްޕީޑުގައި ރައްޔިތުން އެބަ ބޭނުންވޭ ކަންކަމުގައި ކުރިއަށް ދާން.“ އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމު ހަމަމަގަށް އެޅުވުމަށް ގާނޫނުތަކާއި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވެސް ވިދާޅުވެފައިވާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އަދި ޕާޓީ ބަދަލުކޮށްފި ނަމަ، މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް އިސްލާހު ގެނެސްފައިވަނީ ވެސް އެ މަގުން ކަމަށެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައިވާ ގޮތުގައި ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިހާރު އެ އިސްލާހު ތަސްދީގު ކުރައްވައިފައެވެ.




