އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރުން ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤު ވިދާޅުވެއްޖެއެވެ.
އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުން އަވަސްކުރަން ސަރުކާރަށް ގޮވާލާ އިއްޔެ އެމްޑީޕީން ގަރާރެއް ހުށަހެޅާފައިވާއިރު، އެމަސައްކަތް އަވަސްކުރަން ސަރުކާރަށް ގޮވާލުމުގެ ބޭނުމެއް ނޫން ކަމަށެވެ.
އަޒާން ހާމަކޮށްފައިވާ ގޮތުގައި މީގެ ސަބަބަކީ އެ މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވެފައި، މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ވަނީ އެ މަސައްކަތް ނިންމާނެ ތާރީހެއް ކަނޑައަޅާ އިއުލާންކޮށްފައެވެ.
އެގޮތުން މިއަދުވެސް އެ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަން ހާމަކުރައްވާ އަޒާން ވިދާޅުވީ މަޖިލީހުން ކުރަމުންދާކަމެއް އަވަސް ކުރަން ސަރުކާރަށް ގޮވާލުމުގެ މާނައެއް ނެތް ކަމަށެވެ.
ރާއްޖޭގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމު ހުށަހަޅުއްވާފައި ވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.
މިބިލު އަވަސްކުރަން އިދިކޮޅުން އިއްޔެ ވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅައިފައެވެ. މިގަރާރަށް ބަހުސް ކުރުމަށްފަހު ވޯޓަށް އެދުމުން، ގަރާރު ފާސްކުރުމަށް 15 މެންބަރުން ވޯޓު ދެއްވާފައިވާއިރު، 63 މެންބަރުން ވަނީ މިގަރާރު ފާސްކުރުމަސް ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. މިއާއިއެކު މި ގަރާރު ފާސް ކުރަން ނުފެންނަ ކަމަށް ނިންމާ، މަޖިލިސް ތަޅުމުން ވަނީ ގަރާރު ބޭރުކޮށްލާފައެވެ.
މިކަމާއި ގުޅޭ ގޮތުން ފަހުން ޕީއެންސީން ބުނެފައި ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ނުހުއްޓޭނެ ކަމަށާއި އެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމާނެ ކަމަށެވެ.


