އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް އަމުރެއް ނެރެފިއެވެ. މި އަމުރު ނެރެފައިވަނީ އައިސީސީގެ ޕްރޮސެކިއުޓަރ ކަރީމް ޚާން އެދުނުތާ 6 މަސް ދުވަސް ފަހުންނެވެ.
ހޭގްގައި ހުންނަ އައިސީސީއިން ނަތަންޔާހޫގެ އިތުރުން ހަމާސްގެ އަސްކަރީ އިސްވެރިޔާ މުޙައްމަދު ދިޔާބް އިބްރާހީމް އަލް-މަސްރީ (މުޙައްމަދު ދެއިފް) ހައްޔަރުކުރުމަށްވެސް އަމުރު ނެރެފައިވެއެވެ. މި ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވެނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ހިންގާފައިވާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން ތަފާތު ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކެވެ.
އައިސީސީގެ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕްރީ-ޓްރަޔަލް ޗެމްބަރ 1 އިން އިޒްރޭލުން ހުށަހެޅި އިސްތިއުނާފުތައް ބާޠިލުކޮށްފައިވާކަމަށް އައިސީސީގެ ބަޔާނުގައި ބުނެފައިވެއެވެ. ހައްޔަރުކުރުމުގެ ވޯރަންޓުތައް ސިއްރު ގޮތުގައި ބެހެއްޓި ނަމަވެސް، ”ހައްޔަރުކުރުމުގެ ވޯރަންޓުގައި ބަޔާންކޮށްފައިވާ ފަދަ ޢަމަލުތައް ހިނގަމުންދާކަން ފެންނާތީ“ އެ ވޯރަންޓުތައް ހާމަކުރަން ނިންމާފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި އަމުރާ ގުޅިގެން ރޯމް ސްޓެޓިއުޓްގެ 124 މެންބަރު ޤައުމުތަކަށް ނަތަންޔާހޫ އާއި އަމުރުގައި ބަޔާންކުރާ އިތުރު ދެމީހުން ހައްޔަރުކޮށް އައިސީސީއަށް ހަވާލުކުރުން ލާޒިމުވެގެންދާނެއެވެ. ރޯމް ސްޓެޓިއުޓްގެ 63 ވަނަ މާއްދާގައި ތުހުމަތުކުރެވޭ މީހާ ހާޒިރުނުވެ ޝަރީޢަތް ފެށޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް އައިސީސީގެ ތަންފީޒީ ބާރު ނެތުމުގެ ސަބަބުން ޙުކުމް ތަންފީޒު ކުރުމަށް އައިސީސީއިން ބަރޯސާވާން ޖެހޭނީ މެންބަރު ގައުމުތަކަށެވެ.




