ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 32 ފްލެޓް ޓަވަރުގެ ކޮމަރޝަލް ޔުނިޓުތައް ކުއްޔަށް ދިނުމަށް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެފްޑީސީން ވިދާޅުވީ އެ ކުންފުނިން ތަރައްޤީކުރަމުންދާ 32 ޓަވަރުތަކުގައި ކޮމަރޝަލް ޔުނިޓު ނުވަތަ ވިޔަފާރިކުރުމަށާއި އެހެނިހެން ބޭނުންތަކަށް ޚާއްސަކޮށްފައި ހުންނަ ޖާގަތައް ހުންނާނީ ކޮންމެ ޓަވަރެއްގެވެސް އެންމެ ތިރީ ބަޔާއި ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.
އެޗްޑީސީއިން ހާމަކޮށްފައިވާ ގޮތުގައި މި 32 ޓަވަރުގެ ތެރެއިން ފުރަތަމަ ކުއްޔަށް ދޫކުރަން ހުޅުވާލާނީ ޒޯން 1 ގައި ހިމެނޭ ޓަވަރުތަކުގެ ކޮމަރޝަލް ޔުނިޓުތަކެވެ. އަންނަ ހަފްތާގައި އެކަމަށް ހުޅުވާލެވޭނެ ކަމަށާއި އެހެން ޒޯންތަކަށްވެސް ވަރަށް އަވަހަށް ހުޅުވާލެވޭނެކަމަށް އެފްޑީސީން ބުނެފައިވެއެވެ.
މީގެއިތުރުން، ޓަވަރުތަކުގެ ކޮމަރޝަލް ޖާގަތައް އެކި ކަންކަމަށް ޚާއްސަކޮށްފައި ހުންނާނެކަން ހާމަކުރައްވާ އެޗްޑީސީން ބުނީ މިގޮތަށް ޚާއްސަކޮށްފައި ހުންނާނީ ވަކި ތަރުތީބަކުން ކަމަށެވެ.
އެގޮތުން ކޮންމެ ޓަވަރަކުންވެސް 5 މިނެޓުން ހިނގާފައިދެވޭ ހިސާބުގައި ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ވިއްކާ ފިހާރަތަކާއި މާޓްތައް ހުންނާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި 10 މިނެޓުން ހިނގާފައިދެވޭ ދުރުމިނުގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް ހުންނައިރު، 20 މިނެޓުން ހިނގާފައިދެވޭ ދުރުމިނުގައި ޒުވާނުންގެ ސެންޓަރުތަކާއި އޮފީސް ޖާގަތައް ހުންނާނެކަމަށްވެސް އެފްޑީސީން ބުނެފައިވެއެވެ. މީގެއިތުރުން ކެފޭ، ރެސްޓޯރަންޓްތަކަށް ޚާއްސަކޮށްފައި ހުންނަ ޖާގަތައްވެސް ހުންނާނެއެވެ.
އެޗްޑީސީގެ އަމާޒަކީ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ޒަރޫރީ ބޭނުމަށް ގަންނަންޖެހޭ ތަކެތި ގަނެވޭ ފިހާރަތައް ޓަވަރުތަކުގައި ޤާއިމްކުރުން ކަމަށާއި އެފްޑީސީން ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މަސައްކަތް އަވަހަށް ނިންމުމަށް ތާވަލް މުރާޖަޢާކުރަމުން އަންނަކަމަށް އެފްޑީސީން ބުނެފައިވެއެވެ.




