ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ސޮއިކޮށްފައިވާއިރު، އާރުބީއައިގެ ފަރާތުން ސޮއިކޮށްފައި ވަނީ އެބޭންކުގެ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސްއެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި މި އެމްއޯޔޫއިން، ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައިއާއި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓް މުއާމަލާތްތަކާއި އެހެނިހެން ވެސް އިގުތިސާދީ މާލީ މުއާމަލާތްތައް ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތިން ދިވެހި ރުފިޔާއާއި އިންޑިއާ ރުޕީން ކުރުމަށް ބާރުއެޅިގެންދާނެއެވެ.
މީގެއިތުރުން، އެ އެއްބަސްވުމުގެ ދަށުން އަމިއްލަ ފައިސާއިން ބިލްކޮށް އަދި އެ ބިލްތަކުގެ ސެޓްލްމަންޓް ހެދި، އޭގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި ދެ ގައުމުގެ ފައިސާ ޓްރޭޑްކުރުމުގެ ފުރުސަތު ހުޅުވޭނެ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
ގައުމުގެތަކުގެ އަމިއްލަ ފައިސާ ބޭނުން ކުރެވޭ ގޮތްވުމުން ހަރަދުކުޑަވެ ސެޓްލްމަންޓަށް ހިނގާ ވަގުތު އަވަސްވެގެންދާނެއެވެ.
އެމްއެމްއޭ އާއި އާރުބީ އާއި ދެމެދު ވެވުނު އެއްބަސްވުމާ އެކު އިންޑިއާއިން މުދާ އިމްޕޯޓުކޮށް، އެކްސްޕޯޓު ކުރާ އިރު ޑޮލަރަށް ބަރޯސާވާ ވަރު ކުޑަކުރެވިގެންދާނެއެވެ.




