ކ. ގުޅީގައި ނުރައްކާތެރި ވެރިސެލާ ނިއުމޯނިއާ ފެތުރެން ފަށައިފިއެވެ.
ކ. ގުޅީ ކައުންސިލް އިދާރާގެ ނައިބު ރައީސް އިބްރާހިމް ފާއިޒު ’ސައުވީސް‘ އަށް ވިދާޅުވީ ވެރިސެލާ ނިއުމޯނިއާ ކަމަށް ބެލެވޭ ބައްޔެއްގެ ސަބަބުން ހާލު ދެރަވެގެން އެރަށުގެ ދެ މީހަކު މިހާރު މާލެއަށް ގެންގޮސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާ ދެމުންދާ ކަމަށް ކ. ގުޅީ ސިއްޙީ މަރުކަޒުން ކައުންސިލަށް މަޢުލޫމާތު ދީފައިވާ ކަމަށް ފާއިޒު ވިދާޅުވިއެވެ.
އެހެންނަމަވެސް، މިހާތަނަށް ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވާ ކަމަށް ފާއިޒު ވިދާޅުވިއެވެ.
”ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވޭ. މިރަށުގެ 2 މީހަކަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދޭ. ސަސްޕެކްޓު ކުރެވެނީ ވެރިސެލާ ނިއުމޯނިއާ އަށް،“ ގުޅީ ކައުންސިލްގެ ނައިބު ރައީސް ފާއިޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށުގައި ކޮންމެވެސް ވަރަކަށް ޗިކަން ޕޮކްސް ވެސް ފެތުރެމުންދާ ކަމަށް ފާއިޒު ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ވެރިސެލާ ނިއުމޯނިއާއަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޖެހުމުން ފުއްޕާމޭގައި ދުޅަ އުފެދި، ނޭވާލަން އުނދަގޫވެ، ހުންއައިސް އަދި ގައިގައި ރިއްސުން އިހުސާސްވެއެވެ. މި ބައްޔަށް ވަގުތުން ފަރުވާ ނުހޯދައިފިނަމަ، ނުރައްކާތެރި ނަތީޖާތަކާ ކުރިމަތިލާންޖެހިދާނެއެވެ.


