ނޮވެމްބަރު މަހު ކ.ގުޅިން ފާނަބަސަންދުގެ 11 ކޭސް ވަނީ ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ.
އެޗްޕީއޭއިން މިހެން ބުނެފައި ވަނީ ކ. ގުޅީގައި ނުރައްކާތެރި ވެރިސެލާ ނިއުމޯނިއާ ފެތުރެމުން ދަނިކޮށެވެ.
އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކ. ގުޅީގައި ރިޕޯޓުކޮށްފައިވާ 11 ކޭސްގެ ތެރެއިން ދެ މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކުރެވި އިތުރު ފަރުވާދެމުން ކަމަށެވެ.
މީގެއިތުރުން، ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކުވެސް ރިޕޯޓް ކުރާ ކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.
ފާނަބަސަންދު އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މި ބައްޔަކީ އާއްމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމަށާއި ބޮޑެތި މީހުންނަށް ވެސް މިބަލި ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިބަލީގެ އަލާމާތްތަކުގެ ތެރޭގައި:
- ހުންއައުން.
- ވަރުދެރަވުން.
- ނޭފަތުން ފެން އައުން.
- ހަމުގައި ބިހިތަކެއް ނެގުން. (މިބިހިތައް ފެންފޮޅުތަކަކަށް ބަދަލުވާ ކަމަށާއި މިބިހިތަކަކީ ވަރަށް ހިރުވާ އަދި ފަސޭހައިން ފަޅައިގެންދާ ބިހިތަކެއް އަދި ދެތިން ދުވަސްތެރޭގައި ހަށިގަނޑުގެ އެކިތަންތާ ފެންބިހި ނަގާ).
މިބަލި ފެތުރޭ ގޮތްތަކުގެ ތެރޭގައި:
- ބަލިޖެހިފައި ހުރި މީހަކު ކެއްސާ ކިނބި އަޅާ ހަދާއިރު، ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން
- ބިހި ނަގާފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކޮށްފައިވާ ތުވާލި އަންނައުނު ފަދަ ތަކެތި ބޭނުންކުރުން
- ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މިބަލި އެކަކު ގައިން އަނެކެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮންނާނެ
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ކުރިން ފާނަބަސަންދު ނުޖެހޭ ކޮންމެ މީހަކަށް މިބަލި ޖެހިދާނެއެވެ. އެއްފަހަރު މިބަލި ޖެހިއްޖެނަމަ ދެވަނަ ފަހަރަށް މިބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑައެވެ.
މިބަލި ޖެހިފައިވާ މީހުންގެ ކިބައިން ރައްކާތެރިވުމަށް
- ބަލިޖެހިފައިވާ މީހުން ގާތަށް ޒިޔާރަތް ނުކުރުން.
- ބަލިޖެހިފައިވާ މީހާ/ކުއްޖާ އޭނާގެ ގައިގައި ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން ބޭރު ތެރެއަށް ނުނިކުތުން.
- ފާނަބަސަންދު ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާއި އެކަހެރިވުން.
- ބަލި ފަސޭހަވަންދެން ހިފާ ގެންގުޅޭ ތަކެތި (އަންނައުނު، ތުވާލި ކުޅޭ އެއްޗެހި ފަދަ ތަކެތި) ވަކި ކުރުން.
- މިބަލުން ރައްކާތެރިވުމަށް ޗިކަންޕޮކްސް ވެކްސިން ޖައްސެވުން/ ވެކްސިން އާއްމުކޮށް ފާމަސީތަކުން ލިބޭނެ.



