އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ ޖޫރިމަނާ ކޮށްފައިވަނީ އެވުޒާރާގެ މުވައްޒަފެއްގެ އިހުމާލުން ކަމަށް އެވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން މިއަދު އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ވުޒާރާގެ އެންމެހައި ކަންކަން ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި، ގާނޫނު ނަންބަރު: 2014/1 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ގާނޫނު) ގެ ދަށުން މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާއި ގުޅިގެން ކަނޑައެޅިފައިވާ މުއްދަތުތަކުގައި މައުލޫމާތުތައް ފޯރުކޮށްދިނުމަކީ އެވުޒާރާއިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ.
އެހެންނަމަވެސް 7 ނޮވެންބަރު 2024 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން އެވުޒާރާ ޖޫރިމަނާ ކުރިކުރުމަކީ އެވުޒާރާގެ މުވައްޒަފެއްގެ އިހުމާލުން ހިނގާފައިވާ ކަމެއްކަމަށް ފާހަގަކޮށް، ސިވިލް ސާވިސް ކޮމިޝަނުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެމުވައްޒަފާއި މެދު ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދެވިފައިވާ ކަމަށް ގެދޮރުވެރިކަމާއިބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މީގެއިތުރުން މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާއިގުޅޭ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެކޮމިޝަނުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އާންމުކޮށް ހުޅުވައިލެވިގެން ބޭއްވުމަށް ތާވަލުކުރެވުނު ބައްދަލުވުމަށް ގެދޮރުވެރިކަމާއިބެހޭ ވުޒާރާއިން ހާޒިރުވެފައި ނުވާތީވެ، 350 ރުފިޔާއިން އެވުޒާރާ ޖޫރިމަނާކުރެވިފައިވާ ކަމަށެވެ.
އެކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މައުލޫމާތު ހޯދުމަށްއެދި ގެދޮރުވެރިކަމާއިބެހޭ ވުޒާރާއަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް އެ އެވުޒާރާއިން އެއްވެސް ޖަވާބެއް ދީފައިނުވާކަމަށް ބުނެ އައިކޮމްއަށް ހުށަހަޅާފައިވާ ޝަކުވާއެއް ބެލުމަށްޓަކައި 7 ނޮވެންބަރަށް ބައްދަލުވުމެއް ތާވަލުކުރެވުނެވެ.
އެހެންނަމަވެސް ގެދޮރިވެރިކަމާއިބެހޭ ވުޒާރާއިން އެބައްދަލުވުމަށް ހާޒިރުނުވެ، އަދި މަހޯލި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކޮށްފައި ނުވާތީވެ އެވުޒާރާ ޖޫރިމަނާ ކޮށްފައިވާ ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.



