ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެދު ރާއްޖެތެރެއަށާއި އުތުރުގެ އަތޮޅުތަކަށް އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ. އެހެންނަމަވެސް މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
މީގެއިތުރުން، މެދު ރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކަށް އިރުދެކުނާ ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާ 20 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް އެއިދާރާއިން ލަފާކޮށް ބުނެފައިވެއެވެ.
ވިލާގަނޑުގައި 35 މޭލަށް ހުރިހާ ސަރަހައްދަކަށް ވެސް ވައިގަދަވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކަނޑުތައް އާދައިގެ ވަރަށް ގަދަވެ، މެދު ރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ. އެހެންނަމަވެސް ވިލާގަނޑުގައި ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
މީގެއިތުރުން، އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ދެމެދުގައި ހުންނާނެ ކަމަށާއި އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތަކުގައި ރާޅު ގެ އުސްމިން ހުންނާނީ ދެ ފޫޓާ ހަތަރު ފޫޓާ ދެމެދުގައެވެ.


