މާރުކޭޓުން 0.35 ޑޮލަރަށް ގަތް ދޮންކޭލެއްގައި ޑަކްޓޭޕު އަޅައިގެން ތައްޔާރުކޮށްފައިވާ އާޓު ވޯކްއެއް 6.2 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކައިލައިފިއެވެ.
މައުރީޒިއޯ ކެޓެލާންގެ އުފެއްދުންތެރި އާޓްވޯކް ކަމުގައިވާ ދޮންކޭލެއް ފާރެއްގައި ޑަކްޓް ޓޭޕުން ތަތްކޮށްފައިވާ އާޓު މަސައްކަތް ނިއުޔޯކްގެ ސޮތެބީސް މައުރަޒުގައި ވިއްކާލާފައި ވަނީ 6.2 މިލިއަން އެމެރިކާ ޑޮލަރު (4.9 މިލިއަން ޕައުންޑް) އަށެވެ.
މިއާޓު މަސައްކަތަށް ބޭނުންކުރުމަށް ގަނެފައިވާ ދޮންކޭލަކީ އެދުވަހު 0.35 ޑޮލަރަށް ގަނެފައިވާ ދޮންކޭލެއް ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާއިރު، މިއީ އެ މަސައްކަތް ވިއްކާލުމަށް ލަފާކުރެވުނު އަގަށް ވުރެއް 4 ގުނަ ބޮޑު އަދަދަކަށެވެ.
އާޓު މަސައްކަތް ވިއްކާލި އޮކްޝަން މައުރަޒުން ބުނެފައިވަނީ އެ މަސައްކަތް ގަނެފައި ވަނީ ޗައިނާގެ ކްރިޕްޓޯކަރަންސީ ވިޔަފާރިވެރިއެއް ކަމުގައިވާ ޖަސްޓިން ސަން ކަމުގައެވެ. އިތުރު 6 މީހަކާއި ވާދަކޮށް ޖަސްޓިން ސަން ވަނީ އިޓަލީގެ ވިޝުއަލް އާޓިސްޓް ތައްޔާރުކޮށްފައިވާ ”ކޮމީޑިއަން“ ނަމަކަށް ކިޔާ މިދޮންކެޔޮ ކާމިޔާބު ކޮށްފައެވެ.
މިއާއިގުޅިގެން ޖަސްޓިން ސަން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ”ކުރިއަށް އޮތް ދުވަސްތަކުގައި އަހަރެން އަމިއްލައަށް މިދޮންކެޔޮ ކާނަން، އެއީ މި ޚާއްޞަ އާޓިސްޓިކް ތަޖުރިބާގެ ބައެއްގެ ގޮތުގައި،“.
ޓޭޕުން ތަތްކޮށްފައިވާ ދޮންކެޔޮގެ އާޓު މަސައްކަތް 6.2 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކުމާއި ގުޅިގެން މިހާރު ދުނިޔޭގައި އެންމެ އަގު ބޮޑު މޭވާގެ ތެރޭގައި މިދޮންކެޔޮ ހިމެނިގެންދާނެއެވެ.
ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބީލަމުން ޑަކްޓޭޕާއި އެކު ދޮންކެޔޮވަށް އާޓު މަސައްކަތް 6.2 މިލިއަން ރުފިޔާއަށް ކާމިޔާބު ކުރުމުން އޭނާއަށް ޑަކްޓް ޓޭޕް ރޯލެއް އަދި ދޮންކޭލެއް ލިބޭނެއެވެ. އަދި މިއީ އެ މަސައްކަތް އަސްލުކަން ދޭހަކޮށްދޭ ސެޓްފިކެޓަކާއި ޑަކް ޓޭޕުން ދޮންކެޔޮ ވަށް ފާރުގައި ތަތްކުރާނެ ގޮތުގެ އިރުޝާދު ވެސް ލިބިގެންދާނެއެވެ.
މުޅި ދުނިޔޭގެ ސަމާލުކަން ގެނުވާފައިވާ ’ކޮމީޑިއަން‘ ނަމަކަށް ކިޔާ އާޓު މަސައްކަތުގައި ދޮންކެޔޮ ވަކެއް ޑަކްޓޭޕުން ފާރުގައި ތަތްކުރެވޭއިރު، މީގެ ފަސް އަހަރު ކުރިން ވެސް ’ކޮމީޑިއަން‘ ގެ އާޓު މަސައްކަތެއް ވަނީ ހަހާސް ޑޮލަރަށް ވިއްކާލުމަށް ނީލާން ކިޔާފައެވެ. އެފަހަރު ކޮމީޑިއަންގައި ބޭނުންކުރުމަށް ދޮންކެޔޮ ގަތީ އެމެރިކާގެ މިއާމީގެ މޭވާ ވިއްކާ ފިހާރައަކުންނެވެ.



