ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ފެހހި ޤާނޫނުގެ ދަށުން ރިޔާސީ ދެވަނަ ދައުރެއް އެންމެ ފުރަތަމަ ފުރިހަމަ ކުރައްވާނެ ރައީސަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ޖައްސަވާ ސިޔާސީ ހިސާބުތަކުން ދައްކަވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ އިން މިހާރު ކޮންމެ ދުވަހަކުވެސް ގެނެސްދެމުން އަންނަ ”ހަފްތާ 52“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނު ސިޔާސީ ހިސާބު ޖައްސަވަނީ ރާއްޖޭގެ ސިޔާސީ މަޞްރަޙު ވަރަށް ބޮޑަށް އެނގިވަޑައިގެން ކަމަށާއި އެގޮތުން ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް، ކޮންމެ ރަށެއްގެ ސިޔާސީ ފިކުރާއި ޢާންމު ރައްޔިތުންގެ ވިސްނުންތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
”އަޅުގަނޑަށް އެނގޭނެ ހއ. ވަށަފަރުގައި އިންތިޚާބެއްގެ ހިސާބު ޖަހާއިރު ވަށަފަރުގައި ތިބޭނީ ކޮން ވިސްނުމެއްގެ ކޮން ބައެއްކަން. އެއީ ކާކުކަން، އޭނާގެ ގެ ހުރީ ކޮންތާކުކަން، އޭނާގެ އިސްކޮޅަކީ ކޮބައިކަން، އޭނާ ވާހަކަ ދައްކާނީ ކޮންގޮތަކަށްކަން. އެހާވަރަށް އަޅުގަނޑަށް މިރާއްޖެ އެނގޭ“ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެގޮތުން ކުރިއަށް އޮތް ހަތަރު އަހަރަށް ސިޔާސީ ހިސާބު ޖައްސަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުޢިއްޒުގެ ވެރިކަން ފެންނަނީ ވަރަށް ކާމިޔާބުކޮށް ކަމަށާއި ނަމަވެސް މި ސަރުކާރު ހިންގުމުގައި ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެގޮންޖެހުންތަކާއި ފާޑުކިޔުންތަކާވެސް ކުރިމަތިލައިގެން ކާމިޔާބީގެ މަންޒިލަށް ވާސިލުވާން ފަސޭހަ ވާނެ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވެފައިވެއެވެ.



