ވިޔަފާރި ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން ހުޅުމާލޭގައި މިދިޔަ އަހަރު ހުޅުވި ކޭއެފްސީ އާއި ޕިއްޒާހަޓް ބަންދުކޮށްފިއެވެ.
މި ދެ ރެސްޓޯރަންޓުގެ ބަހެއް މިކަމުގައި އަދި ނުލިބުނު ކަމުގައި ވިޔަސް، މުއުތަބަރު ފަރާތްތަކުން އެނގިފައިވާ ގޮތުގައި މި ދެތަން ވެސް ބަންދު ކުރަން ޖެހުނީ ވިޔަފާރި ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން ތަން ހިންގަން ދަތިތަކަކާ ކުރިމަތިވުމުގެ ސަބަބުންނެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން، އިޒްރޭލުގެ ހިއްސާ އޮންނަ ކުންފުނިތަކާއި އުފެއްދުންތައް ބޯއިކޮޓް ކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ވަނީ ގޮވާލާފައެވެ. އެގޮތުން ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރޭގައި ކޭއެފްސީ އާއި ޕިއްޒާހަޓް ވެސް ހިމެނެއެވެ. ހުޅުމާލެއާއި މާލޭގައި ވެސް މި ދެތަނުގެ އައުޓްލެޓް ހުރުމުން، އެތަންތަން ބޯއިކޮޓް ކުރުމަށް ރާއްޖޭގައި ވެސް ބައެއް ރައްޔިތުން ވަނީ މަގުތައް މައްޗަށް ނިކުމެ ވެސް ގޮވާލާފައެވެ. ނަމަވެސް ކޭއެފްސީން ކުރިންވެސް ވަނީ އެ ކުންފުނިން އިޒްރޭލާއެކު ގުޅުމެއް ނޯންނަކަމަށް ބުނެފައެވެ.
ހުޅުމާލޭގައި ހުންނަ ކޭއެފްސީއާއި ޕިއްޒާހަޓްގެ ވިޔަފާރި ދަށްވާން މެދުވެރިވި ސަބަބަކީ މިއީ ކަމުގައި ޔަގީންކަމާއެކު ބުނާކަށް ނޭނގެއެވެ. އަދި މާލޭގައި ހުންނަ މި ދެ ވިފަޔާރީގެ އައުޓްލެޓް ވެސް އަދި ބަންދުނުކުރާކަމާއި ވިޔަފާރި ކުރިއަށްދާކަން ފާހަގަވެއެވެ.



