މިއަދު ހެނދުނުން ފެށިގެން މެންދުރުފަސް ވަންދެން ކުރިއަށް ދިޔަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ޕާޓީގެ އެތެރޭގެ އިންތިހާބު ނިމިއްޖެއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ވޯޓުލުން ނިމި މިހާރު ކުރިއަށް ދަނީ ވޯޓު ގުނުމުގެ މަސައްކަތެވެ. އަދި މި އިންތިހާބުގެ ނަތީޖާ އިއުލާނު ކުރުން އޮތީ މިރެއެވެ.
ޕީއެންސީގެ 2095 މަޤާމަކަށް މެންބަރުން އިންތިޚާބުކުރުމަށް ކަނޑައެޅިއިރު އޭގެ ތެރެއިން ބައެއް ދާއިރާތަކަށް ވަނީ އިންތިޚާބާ ނުލައި ބައެއް މީހުން އިންތިޚާބުވެފައެވެ.
މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުތަކަށް ކުރިމަތިލާފައިވާ މަގާމުތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުން އަދި ރަށްރަށުގެ ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި ރަށްރަށުގެ އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުން ހިމެނެއެވެ. މި ދާއިރާތައް ހަމަޖައްސާފައިވަނީ މަޖިލީހުގެ ދާއިރާތައް ކަނޑައަޅާފައިވާ ގޮތަށެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބެވި ދާއިރާތަކުގައި ދާއިރާގެ ރައީސުންގެ ގޮތުގައި ކަނޑައަޅާފައިވަނީ އެ މެންބަރުންނެވެ. އަދި ޕީއެންސީގެ މަޖިލިސް މެންބަރުން ނެތް ދާއިރާތަކަށް ރައީސުން އައްޔަންކުރާނީ މިއަދު ބޭއްވުނު މި އިންތިޚާބުންނެވެ.



