މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ނ. މާފަރަށް ބޯކޮށް ވާރޭވެހި ފަސް ގެއެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ އެންޑް މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ނ.މާފަރުގައި ފެންބޮޑުވެ، ފަސް ގެއަކަށް ފެންވަދެގެން އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މީގެ ތެރެއިން ގެއްލުންލިބުނު އެއް ގެއެއްގެ މީހުން އެހެން ގެއަކަށް ބަދަލުކޮށްފައިވާކަމަށް މާފަރު ކައުންސިލުން މަޢުލޫމާތު ދީފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިދިޔަ ހަފްތާގައި ވެސް ބައެއް ގޭގެއަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. އެހެންކަމުން އެންޑީއެމްއޭ އިން ވަނީ ކައުންސިލާ ގުޅިގެން އެ ގޭގޭގެ ރައްޔިތުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާ ދީފައެވެ.



