އަންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ އެއްވެސް ވިސްނުންފުޅެއް ދުވަހަކުވެސް ނުގެންގުޅުއްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޗެއާޕަރސަން ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބަށްފަހު ޕީއެންސީ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކޮށްފައިވަނީ، 2028 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ވާދަކުރައްވަން ނިންމާފައިވާއިރު، އެފަދަ ވިސްނުންފުޅެއް ޢަބްދުއްރަހީމް ވެސް ގެންގުޅުއްވަންތޯއެވެ.
”އަޅުގަނޑު މީގެ ކުރިންވެސް ވަރަށް ގިނަ ޕޯޑިއަމްތަކުގައި ދަންނަވާފައިވާނެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުމެއް ދުވަހަކުވެސް އަޅުގަނޑު ނުގެންގުޅުއްވަމޭ“ ޕީއެންސީގެ ޗެއާޕަރސަން ވިދާޅުވިއެވެ.
މީގެއިތުރުން ޢަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނުގެ އަދި ޕީއެންސީގެ ވެސް އަމާޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަކީ ފުރަތަމަ ފަހަރަށް ދެވަނަ ދައުރެއް ލިބޭ ރައީސް ކަމުގައި ހެއްދެވުން ކަމަށެވެ. އަދި ޕީއެންސީން ދުވަހުން ދުވަހަކަށް މަސައްކަތް ކުރަނީ ވެސް އެ އަމާޒު ހާސިލު ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


