ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ މާދަމާ އިއުލާނު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕާޓީގެ ޗެއާޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ިޕީއެންސީގެ އެތެރޭގެ އިންތިހާބު ބާއްވާފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 14:00 އަށެވެ.
އިންތިހާބަށްފަހު ޕީއެންސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޢަބްދުއްރަހީމް ވިދާޅުވީ ވޯޓު ގުނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި ވަގުތީ ނަތީޖާ މާދަމާ އިއުލާނު ކުރެވޭތޯ އެ ޕާޓީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވަގުތީ ނަތީޖާ އިއުލާނު ކުރުމަށްފަހު ދާއިމީ ނަތީޖާ އިއުލާނު ކުރާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންސީގެ 2095 މަޤާމަކަށް މެންބަރުން އިންތިޚާބުކުރުމަށް ކަނޑައެޅިއިރު އޭގެ ތެރެއިން ބައެއް ދާއިރާތަކަށް ވަނީ އިންތިޚާބާ ނުލައި ބައެއް މީހުން އިންތިޚާބުވެފައެވެ.
މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުތަކަށް ކުރިމަތިލާފައިވާ މަގާމުތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުން އަދި ރަށްރަށުގެ ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި ރަށްރަށުގެ އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުން ހިމެނެއެވެ. މި ދާއިރާތައް ހަމަޖައްސާފައިވަނީ މަޖިލީހުގެ ދާއިރާތައް ކަނޑައަޅާފައިވާ ގޮތަށެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބެވި ދާއިރާތަކުގައި ދާއިރާގެ ރައީސުންގެ ގޮތުގައި ކަނޑައަޅާފައިވަނީ އެ މެންބަރުންނެވެ. އަދި ޕީއެންސީގެ މަޖިލިސް މެންބަރުން ނެތް ދާއިރާތަކަށް ރައީސުން އައްޔަންކުރާނީ މިއަދު ބޭއްވުނު މި އިންތިޚާބުންނެވެ.



