ފުރްޤާން މިސްކިތުގައި ހުރި މުސްޙަފުތަކެއް އުކާލައި، އެ ބައެއް ގެއްލުންތައްދީ މިސްކިތުގެ ހުރުމަތް ކަނޑާލައިފިއެވެ.
ޝެއިޚް އާދަމް ނިޝާން އަލީ އާދަމް މިއަދު ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދުގެ ފަތިސް ނަމާދު ކުރިން ފުރްޤާން މިސްކިތުގެ ފަހަތުގައި ހުރި މުސްޙަފްތައް މުޅިތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެއަށް ޖަހާފައިހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލައި އަދި ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާ ހަދާފައި ހުރި ކަމަށެވެ.
މިކަން ކޮށްފައިވަނީ މިމިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ “ބުއްދިފިލާ ގޮސްފައިވާ” ޒުވާނެއް ކަމަށް ވެސް ޝެއިޚް ތުހުމަތު ކުރައްވާފައިވެއެވެ. އައި މީގެ ކުރިން އެތައް ފަހަރަކުވެސް އެމީހާ ވަނީ މުސްޙަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް އެ މިސްކިތުގައި ކޮށްފައި ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.
”މިވަރު ކުރަމުންދާއިރު މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑި އިރު މާލެ ސިޓީ ކައުންސިލްއިން ބަލަން ތިބޭ ތިބުމުގެ އެއްވެސް ފައިދާއެއް އެބައޮތްތޯއެވެ؟ އަދި ކީރިތި ޤުރްއާނަށާއި، الله ގެ ގެކޮޅުގެ ޙުރުމަތް ކަނޑައިގެން އެތައް ފަހަރަކު މީނާގެ މައްސަލަ ފުލުހަށް ރިޕޯޓު ކުރެވިފައިވާ އިރު މިކަމަށް އެޅޭނެ ފިޔަވަޅެއް މިދައުލަތުގައި ނެތީތޯ؟ މިއީ އިންތިހާއަށް ހިތާމަހުރި ކަންކަން“ ޝެއިޚް ނިޝާން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޝެއިޚް ވިދާޅުވީ މިމައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމުން، ފަތިސް ނަމާދު ފަހުން ފުލުހުން އެ މިސްކިތަށް ވަޑައިގެން، މަޢުލޫމާތު އޮޅުން ފިލުވި ކަމަށާއި ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓުން ފޮޓޯ ނަންގަވާފައިވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ ފުރްޤާން މިސްކިތަށް ގެއްލުން ދީފައިވާ މައްސަލަ މިއަދު ފަތިހުގެ ވަގުތެއްގައި ރިޕޯޓު ކޮށްފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.




