ތޫނު އެއްޗަކުން ފުލުހަކަށް ހަމަލާދޭން އުޅުނު މީހާ ތަހުގީގު ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު އެ ދުވަހު އިރުއޮއްސި 18:30 ހާއިރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެވަގުތު އެމީހާ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާ ދޭން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އދ. ދަނގެތި ލިލީގޭ / ހުސެއިން ފާއިޤް (33އ.) ކަން ފުލުހުން މިއަދު ވަނީ ހާމަކުރައްވާފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން އޭނާ ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



