ތިލަފުށީގައި ގަވާއިދާ ހިލާފަށް އުޅުނު 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ތިލަފުށީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން ހިންގި ހާއްސަ ރެއިޑުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު 33 ބިދޭސީންގެ ތެރޭގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދިއަ ބިދޭސީން ހިމެނޭ ކަމަށެވެ.
ތިލަފުށީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން އިއްޔެ ހެނދުނު ވަނީ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ 28 އޮފިސަރުންނާއި ފުލުހުންގެ 35 އޮފިސަރުން ބައިވެރިވި ކަމަށާއި 257 ބިދޭސީއަކު ޗެކުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މީގެތެރެއިން ސައްހަ ވިސާއެއް ނެތި އުޅެމުންދިއަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވި، 22 ފަރާތަކަށް ވަނީ ލިޔުމުން ނޯޓިސް ދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ބަލައި، އެފަދަ މީހުން ބަންދުކޮށް ފިޔަވަޅު އަޅަން ފަށައިފައެވެ.
އެގޮތުން ގަވާއިދާ ޚިލާފަށް މަސްބޯޓުތަކެއް ކޮންޓްރޯލު ކުރަމުންދިޔަ 39 ބިދޭސީއަކު މި މަހުގެ 19 ވަނަ ދުވަހު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝައްމާން ވަހީދު ”އެކްސް“ މެދުވެރިކޮށް ވިދާޅުވީ މަސް މާރުކޭޓު ސަރަހައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިއަ މަސް ބޯޓުތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާތީ ޓާސްކު ފޯހުން އެދުވަހު ވަނީ އެ ސަރަހައްދުގައި އަޅާފައިވާ މަސް ބޯޓުތައް ބަލައި ފާސްކޮށް 39 މީހަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެއިތުރުން މިމަހުގެ 17 ވަނަ ދުވަހު ޝައްމާން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ގަވައިދާ ހިލާފަށް އުޅޭ 5000 ބިދޭސީން މިހާތަނަށް ފުރުވާލެވިފައިވާ ކަމަށާއި މިއީ އިމިގްރޭޝަންގެ ތާރީހުގައި ވެސް ރެކޯޑް އަދަދެއް ކަމަށެވެ. އަދި މިކަމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ޝައްމާން ވިދާޅުވެފައިވެއެވެ.



