ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ އެ މަޖިލިހަށް އިންތިހާބުވާ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މި މައްސަލަ ސުޕްރީމު ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން އެވެ.
އެކަން އިއުލާނު ކުރައްވާ ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަލީ ހުސެއިން ”އެކްސް“ މެދުވެރިކޮށް ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށްވާތީ އެ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ރާއްޖޭގެ ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ.
ޤާނޫނު އަސާސީގެ 8 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަން ވާނީ އެ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ކަމަށެވެ.
ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނޫއަސާސީ ގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް އެ މާއްދާގެ ހ،ށ،ނ ގައިވާ ހައްގުތައް ލިބިގެންވާ ކަމަށެވެ.
މީގެއިތުރުން ޤާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެ ކަމަށާއި އެބަޔަކު އިންތިހާބުވި ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތްކުރަންވާނެ ކަމަށް ބުނެފައިވެއެވެ.
ޤާނޫނު އަސާސީގެ 90 ވަނަ މާއްދާގައި ބުނެފައިވަނީ އެ މައްދާގެ ހ ގައިވާ ގޮތުން މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެ ނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތުގެ ސަބަބުން، ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދައުވާއެއްކޮށް ހަދައިގެނެއް ނުވާނެ ކަމަށެވެ.
ޤާނޫނު އަސާސީ އިސްލާހުކޮށް ބަދަލު ކުރަން މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ. އެ އިސްލާހަށް މަޖިލިސް ޖަލްސާގައި ބަހުސްކޮށް ނިމުމަށްފަހު، މުޅި މަޖިލިސް ކޮމިޓީން ފާސްކޮށް، ހަމަ އެދުވަހު މަޖިލިހުން ވަނީ އެ އިސްލާހު ގެނައުމަށް ވެސް ފާސްވެފައެވެ. އަދި އެރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އިސްލާހު ތަސްދީގުވެސް ކުރައްވާފައެވެ.



