މިސްކިތްތަކަށް ގެއްލުންދިނުން ބަލައެއް ނުގަނެވޭނެ ކަމަށާއި އެފަދަ އަމަލު ހިންގާ މީހުންނާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވީ ފުރްޤާން މިސްކިތުގައި ބަހައްޓާފައި ހުރި މުސްހަފުތަކެއް މީހަކު އުކާލައި، އެ މިސްކިތަށް ގެއްލުންތަކެއްދީ އެ މިސްކިތުގެ ހުރުމަތްކަނޑާލި މައްސަލައެއް މިއަދު ފެންމަތިވުމާ ގުޅިގެންނެވެ.
އެގޮތުން ދީނީ ޢިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން އަލީ އާދަމް މިއަދު ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދުގެ ފަތިސް ނަމާދު ކުރިން ފުރްޤާން މިސްކިތުގެ ފަހަތުގައި ހުރި މުސްޙަފްތައް މުޅިތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެއަށް ޖަހާފައިހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލައި އަދި ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާ ހަދާފައި ހުރި ކަމަށެވެ.
މިކަން ކޮށްފައިވަނީ މިމިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ “ބުއްދިފިލާ ގޮސްފައިވާ” ޒުވާނެއް ކަމަށް ވެސް ޝެއިޚް ތުހުމަތު ކުރައްވާފައިވެއެވެ. އައި މީގެ ކުރިން އެތައް ފަހަރަކުވެސް އެމީހާ ވަނީ މުސްޙަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް އެ މިސްކިތުގައި ކޮށްފައި ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.
”މިވަރު ކުރަމުންދާއިރު މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑި އިރު މާލެ ސިޓީ ކައުންސިލްއިން ބަލަން ތިބޭ ތިބުމުގެ އެއްވެސް ފައިދާއެއް އެބައޮތްތޯއެވެ؟ އަދި ކީރިތި ޤުރްއާނަށާއި، الله ގެ ގެކޮޅުގެ ޙުރުމަތް ކަނޑައިގެން އެތައް ފަހަރަކު މީނާގެ މައްސަލަ ފުލުހަށް ރިޕޯޓު ކުރެވިފައިވާ އިރު މިކަމަށް އެޅޭނެ ފިޔަވަޅެއް މިދައުލަތުގައި ނެތީތޯ؟ މިއީ އިންތިހާއަށް ހިތާމަހުރި ކަންކަން“ ޝެއިޚް ނިޝާން ވިދާޅުވެފައިވެއެވެ.
ފުރްޤާން މިސްކިތުގައި ހުރި މުސްޙަފުތަކެއް އުކާލައި، ގެއްލުންތަކެއް ދީފި
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުރްޤާން މިސްކިތަށް ގެއްލުން ދީފައިވާ މައްސަލަ މިއަދު ފަތިހުގެ ވަގުތެއްގައި ރިޕޯޓު ކޮށްފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ ފުރްޤާން މިސްކިތަށް ގެއްލުން ދިން މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން މިއަދު އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.



