އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ފެނަކައިން މުހިންމު މަސައްކަތްތަކެއްކޮށްފިއެވެ.
ދިވެހިރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކޮށް ތިމާވެއްޓާ ރައްޓެހި ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ފެނަކައިން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމަށް ކަމުގައި އެކުންފުނިން ވަނީ މީގެކުރިން ވެސް ހާމަކޮށްފައެވެ.
އެގޮތުން އަވިން ކަރަންޓު އުފައްދާ ސޯލާ ޕީވީ ސިސްޓަމްތައް ހަރުކުރުމަށް މުހިންމު މަޝްރޫއުތަކެއް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި މުޅިން އަލަށް ފެށި ޕްރޮގްރާމްތަކާއި ކުރިން ފެށިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކުގެ ދަށުން އެ ކުންފުނިން ޚިދުމަތްދޭ ރަށްރަށުގައި ސޯލާ ހަރުކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ފެނަކައިން ހިންގި ސޯލާ މަޝްރޫޢުތަކުގެ ދަށުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭ އެކަނިވެސް 2،298 ކިލޯވޯޓުގެ ސޯލާ ހަރުކުރެވިފައިވާކަމަށް އެ ކުންފުނިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. އަދި 7،005 ކިލޯވޯޓުގެ ބެޓެރީ ކެޕޭސިޓީ އިތުރު ކުރެވިފައިވެއެވެ.
ފާއިތުވި އަހަރު، އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ފެނަކައިން ފެށި އެންމެ ފާހަގަކޮށްލެވޭ ޕްރޮގްރާމަކީ، އެ ކުންފުނީގެ ހުރިހާ އޮފީސްތަކާއި އިންޖީނުގެތަކުގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ފެށި އިން-ހައުސް ސޯލާ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ސަބަބުން ކުންފުނި ހިންގުމަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން މުޅި ޖުމުލަ 5.2 މެގަވޯޓުގެ ސޯލާ ހަރުކުރެވޭ އިރު މި މަޝްރޫޢުގެ ޖުމުލަ އަގަކީ 92 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫޢުގެ ދަށުން އަހަރަކު 2.6 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެކަމަށް އެ ކުންފުނިން ލަފާކުރާއިރު، އެއީ އަހަރަކު 19.9 މިލިއަން ރުފިޔާގެ ޑީސަލްއެވެ.
މި މަޝްރޫގެ ދަށުން 18 އަދި 30 ކިލޯވޯޓުގެ ގްރިޑް ޓައިޑް ސޯލާ ހަރުކުރެވޭއިރު މި މަޝްރޫޢުގެ ދަށުން ފެނަކައިގެ އޮފީސްތަކުގެ ފުރާޅުގައި ސޯލާ ހަރުކުރުމުގެ އަމަލީ މަސައްކަތްވަނީ ފަށާފައެވެ.
އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް، ގޭބީސީތަކަށް ޚާއްސަކޮށްގެންވެސް ފެނަކައިން ވަނީ އެކި ފަހަރުމަތިން ތަފާތު ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިން މިއަހަރު ފުރުސަތު ހުޅުވާލެވުނު މަގޭ ސޯލާ ޕްރޮގްރާމް އެ ކުންފުނިން ފާހަގަ ކުރެއެވެ.
މިއީ މޫސުމީ ބަދަލުތަކާ، ތިމާވެށި އަދި ހަކަތައާބެހޭ ވުޒާރާ ގުޅިގެން، އާއްމުންގެ ގެތަކުގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ހުޅުވާލެވުނު ފުރުސަތެކެވެ. މި ޕްރޮގްރާމްގެ ދަށުން ސާރވޭތައް ހެދުމާއި ސޯލާ ހަރުކޮށްދެނީ ފެނަކައިގެ ފަރާތުންނެވެ. މި މަޝްރޫޢުގެ ތެރެއިން ޖުމްލަ 3 މެގަވޯޓުގެ ސޯލާޕީވީ ގޭބިސީތަކަށް ފޯރުކޮށްދެވޭނެކަމަށް އަންދާޒާ ކުރެއެވެ.
ފެނަކައިން ހާމަކުރި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ، 150 އަށްވުރެ ގިނަ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ޑީސަލަށް މިހާރު ކުރާ ޚަރަދު ކުޑަކުރުމަށެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވެ، އެއްބާރުލުން ދިނުމަށް އެކުންފުނި އޮތީ ތައްޔާރަށެވެ.



