ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ހަ މީހަކަށް އެއިޑްސް ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ’މިހާރު‘ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި 2021 ވަނަ އަހަރު ރާއްޖެއިން ދެ ފިރިހެނަކަށް، 2022 ވަނަ އަހަރު އެކަކަށް އަދި ހުސްވި އަހަރު ދެ ފިރިހެނުންނާއި އަންހެނަކަށް އެއިޑްސް ބަލި ވަނީ ޖެހިފައެވެ.
ރާއްޖޭގައި މިހާތަނަށް އުމުރުން 32 އަހަރުގެ 43 މީހަކަށް އެއިޑްސް ޖެހިފައިވާއިރު އޭގެ ތެރެއިން 16 މީހަކު މަރުވެ، މިހާރު 26 މީހަކު އެއިޑްސް ބަލީގައި އުޅެމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ފަހުގެ ތާރީހުގައި އެންމެ ގިނަ މީހުންނަށް ރާއްޖޭގައި އެއިޑްސް ޖެހިގެން ރިޕޯޓުކޮށްފައި 2019 ވަނަ އަހަރުއެވެ. އެއީ ފަސް ފިރިހެނުންނާއި ދެ އަންހެނަކަށް އެއިޑްސް ޖެހި ރިޕޯޓުކޮށްގެންނެވެ.
އެންމެ ގިނައިން އެއިޑްސް ޖެހިގެން އުމުރުން 15-24 އަހަރާ ދެމެދުގެ މީހުން ރިޕޯޓުކޮށްފައިވާއިރު، އެ އުމުރުގެ 10 މީހުން އަދި 25-34 އަހަރާ ދެމެދުގެ ހަ މީހަކަށް އެ ބަލި ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.



