ރާއްޖެ އައި ލަންކާ މަސްބޯޓަކުން 468.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ ރޭ ދަންވަރު 00:45 ހާއިރު ހދ. މަކުނުދޫގެ ބޭރުން ޝްރީ ލަންކާގެ މަސްބޯޓެއް ކަމަށް ބެލެވޭ ބޯޓެއް ހުއްޓުވައި، ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ހދ. ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވި ކަމަށެވެ.
އެބޯޓުގައި ޝްރީލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބި ކަމަށާއި މިއަދު ހެނދުނު 9:30 ގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އޮފިސަރުންނާއެކު ކުޅުދުއްފުށީ ސިޓީގެ ފުލުހުން އެ އުޅަނދު ބަލައި ފާސް ކުރުމުން ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށް ވެސް ސީޕީ ސުޖާއު ވިދާޅުވިއެވެ.
ސީޕީ ސުޖާއު އިތުރަށް ވިދާޅުވީ އެތަކެތީގެ ޓެސްޓުތަކުން ދައްކާ ގޮތުގައި އޭގެތެރޭގައި 344 ކިލޯގެ މެތާއި 124.6 ކިލޯގެ ކޮކެއިން ހިމެނިފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.



