ރާއްޖެއަށް ފުރަތަމަ ފަހަރަށް ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް ލިބިއްޖެއެވެ.
ރާއްޖެއަށް މި އެވޯޑު ލިބިފައިވަނީ ޕޯޗުގަލްގެ މަދޭރާގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފައިނަލް ގާލާގައި ރޭގައެވެ. އެ ގާލާގައި ރާއްޖެއިން މިފަހަރުވެސް ވަނީ ގިނަ އެވޯޑުތަކެއް ހޯދާފައެވެ. އެގޮތުން ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ހިމެނޭއިރު އެއެވޯޑަކީ ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ހިންގާ މަންޒިލްތަކަށް ދޭ އެވޯޑެކެވެ.
ރާއްޖެއަށް ލިބުނު މި ތާރީޚީ އެވޯޑާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ މިއީ ރާއްޖޭގެ ޤުދުރަތީ ވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އާދަތައް ކުރިއެރުވުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަމާއި އެ މަސައްކަތް ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ބަލައިގެންފައިވާ މިންވަރު ކަމަށެވެ.
ރާއްޖޭގެ ފަރާތުން މި ޝަރަފުވެރި އެވޯޑާ ހަވާލުވެވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ. އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރު ފައިސަލް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާއަށް މި ލިބުނު އެވޯޑުތަކަކީ އެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކުގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށެވެ.
އެގޮތުން މި ކާމިޔާބުތަކަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ހުރިހާ ފަރާތްތަކުން އެކުގައި ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށާއި އޭގެ ތެރޭގައި ޑައިވް ސެންޓަރުތަކާއި އެއަރލައިންތަކާއި، ޓްރެވަލް އޭޖެންސީތަކާއި، ޓުއަރ ގައިޑުންނާއި، ދާއިރާގައި މަސައްކަތްކުރާ އެންމެހައި ރިސޯޓް މުވައްޒަފުން އަދި ޖުމުލަކޮށް މުޅި މުޖުތަމަޢުތައް ހިމެނޭކަމަށް ޓޫރިޒަމް މިނިސްޓަރު ފާހަގަކުރެއްވިއެވެ.



