ާއްޖޭގެ ފަރާތުން ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރަކަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއަދު ތައުފީޤުގެ ނަން ހުށަހަޅުއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ ދައުރު މިދިޔަ ހޮނިހިރު ދުވަހު ފުއާދު ވަނީ ހަމަކުރައްވައި އެ މަގާމުން އާދީއްތަ ދުވަހުން ފެށިގެން ދުރުވެވަޑައިގެންފައެވެ. އީސީގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ދެ ދައުރަށްވުރެ އިތުރަށް އެ ކޮމިޝަންގެ މެންބަރުކަމުގައި ނުހުރެވޭނެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި އެހެންކަމުން އޮތީ ކިންގްޑަން އޮފް ތައިލެންޑްގެ ސަފީރުކަމަށް ރައީސުލްޖުމްޙޫރިއްޔާ ފޮނުއްވާފައިވާ ނަން ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ. އެގޮތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވަނީ ފުއާދުގެ ނަމެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އެ މައްސަލަ އިތުރަށް ދިރާސާކުރަން ފޮނުވާފައެވެ.
ީސީގެ މެންބަރު ކަމަށް ފުއާދު އައްޔަނު ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެކޮމިޝަންގެ ރައީސްކަމަށް އެމަނިކުފާނު އައްޔަނު ކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ. ފުއާދު އީސީގެ ދައުރު ހަމަކުރެއްވިއިރު ވެސް ހުންނެވީ އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައެވެ.
މީގެ ކުރިން 2008 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ވެސް އީސީގެ ރައީސްކަމުގެ މަގާމު އަދާކުރައްވާފައިވާ ފުއާދު ވަނީ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ޕާޓީތަކާ އެކު ރާއްޖެ ފަށައިގެން ދަތުރުގައި ގިނަ ތަޖުރިބާތަކެއް ކުރައްވާފައެވެ.
ޚާއްސަކޮށް ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ހަލަބޮލި ދުވަސްވަރުގައި ވެސް އެމަނިކުފާނު ހިތްވަރާއެކީ އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރެއްވިއެވެ.
ދައުރު ހަމަވުމުގެ ފަހު ދުވަހު މީސްމީޑިއާގައި ފުއާދު ތައުފީގު ހިއްސާ ކުރެއްވި މެސެޖެއްގައި ވަނީ އެމަނިކުފާނުގެ ކުރީގެ ދައުރުގައާއި ފަހުގެ ދައުރުގައި މަސައްކަތް ކުރި މުވައްޒަފުންނަށާއި އެމަނިކުފާނަށް އެއްބާރުލުން ދިން އެންމެންނަށް ޝުކުރު އަދާ ކުރައްވާފައެވެ.




