މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އަމާޒަކީ މިއަހަރު ނިމޭއިރު އާމްދަނީ 100 މިލިއަން ރުފިޔާއަށް އެރުވުން ކަމުގައި އެކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ”ހަފްތާ 52“ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ އެމަނިކުފާނު އެމްޕީއެލް ހިންގުމާ ހަވާލުވެވަޑައިގަތުމަށްފަހު އެކުންފުނީގެ އާމްދަނީ އިތުރު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް ނިންމެވި ކަމަށެވެ.
އެގޮތުން އެ ކުންފުނިން ކުރަމުން ދިޔަ މަސައްކަތްތައް ތަރައްޤީކޮށް ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ދެވެނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތްތައް ފެއްޓެވިކަމަށް ސީއީއޯ ވަޖީހު ވިދާޅުވިއެވެ.
އެމްޕީއެލް ހިންގުމާ ހަވާލުވެވަޑައިގަތުމަށްފަހު މިވީ އެއް އަހަރު ތެރޭގައި ކުރެވުނު ބައެއް މަސައްކަތްތައް ސީއީއޯ ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ވަޖީހު ވިދާޅުވީ މިވީ އަހަރުގެ ތެރޭގައި 1000 ކޮންޓެއިނަރ އެމްޕީއެލްގައި ރައްކަކުރެވޭނެ އިންތިޒާމް ހަމަޖެއްސެވިކަމަށާއި އެގޮތުން މީގެ ކުރިން މަހެއްގެ މައްޗަށް 60 އާއި 70 މިލިޔަން ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބުނުނަމަވެސް އަދުގެ ސަރުކާރުގެ ފުރުތަމަ އެއް އަހަރުގެ ތެރޭގައި އެ އަދަދު އިތުރުވެފައިވާކަމަށެވެ.
”70 މިލިޔަން ދަށުގައި ހުރި އާމްދަނީ މިވަނީ އިތުރުވެފައި. އެމްޕީއެލްގެ އާމްދަނީ ވަރަށް ބޮޑުތަން އިތުރުވެ ވަރަށް ރަނގަޅަށް ކުރިއަރައިގެން ދާނެ. މިއީ ރައީސްގެ ވެރިކަމުގައި ބެނުންވީ މެރިޓައިމް ދާއިރާ ފުޅާކޮށް ރާއޖޭގެ އިޤްތިޞާދަށް ރަނގަޅު މަންފާއެއް ކުރާނެކަމެއްގެ ގޮތުގައި މެރިޓައިމް ދާއިރާ ހެދުން“ އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.
މީގެއިތުރުން އެމްޕީއެލްގެ އާމްދަނީ އިތުރު ކުރުމަށް މެރިޓައިމްގެ ދާއިރާއަށް ބަދަލު ގެނައުމުގެ ގޮތުން ބަންކަރިންގެ ޚިދުމަތް ފަށާ މި ޚިދުމަތް ފުޅާ ކުރުމަށް މަސައްކަތް ފަށާފައިވާކަމަށާއި ސީ-ޓު އެއަރ ކާގޯ ޚިދުމަތް ފެށުމާއެކުވެސް އެމްޕީއެލްއަށް ފައިދާވަމުންދާކަން ސީއީއޯ ވަޖީހު ފާހަގަ ކުރެއްވިއެވެ.




