އިދިކޮޅު އެމްޑީޕީން މިވަގުތު ކުރަމުން އަންނަ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބު ކުރުން ކަމުގައި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ދެއްކި ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅެއްގައި ޢަބްދުﷲ ޝާހިދު ވިދާޅުވީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގަންނަވާނެތޯ ނުވަތަ ނޫންތޯ އަދި ވިސްނަވާފައި ނުވާ ކަމަށާއި އެއަށްވުރެ ބޮޑަށް އެމަނިކުފާނު އަމާޒުކޮށްފައިވަނީ މިސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ.
އަޅުގަނޑުމެން އެ ވާހަކަ ދައްކާއިރު މިއަދު މިއޮތް ސަރުކާރުގެ ހުދުމުތާރު ކަމާއި ރާއްޖެއަށް މި ސަރުކާރު ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ އަޅުގަނޑުމެން މަޑުޖައްސާލާފައި، އަށާވީހުގައި އޮތް ކަމަކާއި ދިމާއަށް އަޅުގަނޑުމެންގެ މިސްރާބު އަމާޒު ހިފައިފިއްޔާ ރާއްޖެއަށް ލިބޭ ގެއްލުން އިންތިހާ އިނގޭތޯ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތު އަޅުގަނޑުމެންގެ ޕާޓީގެ ރައީސެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ މުޅި ފޯކަސްއަކީ މި ސަރުކާރު ޖަވާބު ދާރީކުރުވުން. އަޅުގަނޑުގެ މުޅި މިސްރާބު ހުންނާނީ ދެހާސް ސައްބީހުގައި މުޅި ރާއްޖެ ލޯކަލް ކައުންސިލް އިންތިޚާބުގައި ރީނދޫކޮށްލުން“ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން ޢަބްދުﷲ ޝާހިދު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ލޯކަލް ކައުންސިލު އިންތިހާބު އެމްޑީޕީން ކާމިޔާބުކޮށް ރައްޔިތުން އެދޭ ޑިމޮކްރެޓިކް އުސޫލު ގެނެސްދިނުން ކަމަށެވެ.



