ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ކުރިން ކޮށްފައިވާ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އިން ގަވާއިދާ ޚިލާފަށް މަންފާ ހޯދިކަމަށްބުނެ ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުގެ ވާހަކަ ދެއްކެވީ، އިދިކޮޅު އެމްޑީޕީން ބުނެގެން ކަމަށާއި އެ ޕާޓީން ވަކިކޮށްފާނެ ކަމުގެ ބިރުން ކަމަށް ކެންދޫ ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މެންބަރު މައުރޫފް މިހެން ވިދާޅުވީ ގާނޫނު އަސާސީ އިސްހާލުކޮށް މިދިޔަ ހަފްތާގައި ސަރުކާރުގެ ފަރާތުން ގެނެސްފައިވާ ބަދަލާ ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް މެންބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ އެމެންބަރެއްގެ ގޮނޑި ގެއްލޭގޮތަށް ސަރުކާރުން ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވާފައެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ އެންޓި ކޮރަޕްޝަނާބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހަށް ބަލާއިރު، ވަކި ފަރުދެއްގެ އެންމެ ގިނަ މައްސަލަ އޮތީ މިހާރުގެ ރައީސްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަތައް ކަމަށެވެ. ޚާއްސަކޮށް ނޫމަޑީގެ މައްސަލަ މެންބަރު މައުރޫފް ވަނީ ފާހަގަ ކުރައްވާފައެވެ. އެމައްސަލައަކީ އޭސީސީގައި އޮތް މައްސަލައެއް ކަމަށާއި އެއީ ރައީސްއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު ވަނީ ވިދާޅުވެފައެވެ.
މެންބަރު މައުރޫފްގެ އެވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ މެންބަރު މައުރޫފްގެ އަރިހުން އެދިލެއްވީ މިހާރު ހުށަހެޅިފައިވާ ރިޕޯޓަށް ވާހަކަ ދެއްކެވުމަށެވެ. އަދި މަޖިލިހުގެ ތަޅުމަށް އައިސްފައިވަނީ ނޫމަޑީގެ މައްސަލަ ނޫން ކަމަށާއި އޭސީސީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ރިޕޯޓަށް ވާހަކަފުޅު ކުރިއަށް ގެންދެވުމަށް ޢަބްދުއްރަހީމް އެދިލެއްވިއެވެ.
”އަޅުގަނޑު މި ބިރުގަންނަނީ އަޅުގަނޑު ޕާޓީން ކަނޑާލަފާނެތީ، ޕާޓީން ވިދާޅުވަނީ ނޫމަޑީގެ ވާހަކަ ދައްކާށޭ. ޕާޓީން ބުނާ ގޮތަކަށް މިއަދު އަޅުގަނޑަށް މިތަނުގައި ވާހަކަ ދެއްކޭނީ“ މަޖިލިސް ރައީސްއަށް ޖަވާބު ދެއްވަމުން ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
މީގެއިތުރުން މެންބަރު މައުރޫފް ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ޖަމިލިސް ޖަލްސާގައި ވާހަކަ ދެއްކުމުން އޭނާ އިންތިހާބުވެފައިވާ އެމްޑީޕީން ކަނޑާލައިފިނަމަ ގޮނޑިގެއްލޭނެ ކަމަށާއި އެހެންކަމުން މެންބަރުކަމުގެ ގޮނޑި ސަލާމަތް ކުރަން އެ ޕާޓީން އެންގިގޮތަށް ނޫމަޑީގެ ވާހަކަ ދެއްކެވީ ކަމަށެވެ.



