ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު، ކައުންސެލް ޖެނެރަލް އަދި ސާޖަންޓް އެޓް އާމްސް މަގާމުތަކުގައި މިހާރު ތިއްބެވި ތިން ބޭފުޅުންގެ ދައުރު ދަންމާލަން މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތީން މަޖިލީހުގެ އަމީންއާންމު، ކައުންސެލް ޖެނެރަލް އަދި ސާޖަންޓް އެޓް އާމްސް އައްޔަންކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެހުމުން އަމީންއާންމުގެ މަގާމަށް ފާސްކޮށްފައިވަނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ފާތިމަތު ނިއުޝާގެ ނަމެވެ.
ކައުންސެލް ޖެނެރަލްގެ މަގާމަށް އެ މަގާމުގައި ހުންނެވި ފާތިމަތު ފިލްޒާ ބަހައްޓަން ފާސްކޮށްފައިވާއިރު ސާޖަންޓް އެޓް އާމްސް ކަމަށް ހަމަޖައްސަން ފާސްކޮށްފައިވަނީ މިއަހަރުގެ މާޗު މަހު އެ މަގާމަށް އައްޔަން ކުރި ތޮލްހަތު ހަސަންއެވެ.
މަޖިލިހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގައި އަލަށް އެކުލަވާލާ ކޮންމެ މަޖިލިހެއް އިންތިހާބުވެ މަސައްކަތް ފެށުމަށް ފަހު، ހިނގާ ފުރަތަމަ ދެ ދައުރު ނިމުމުގެ ކުރިން އަމީން އާންމަކާއި ކައުންސެލް ޖެނެރަލަކާއި ސާޖެންޓް އެޓް އާމްސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހޭނެ އެވެ.
ގަވައިދަށް އަމަލު ކުރަން ފެށުމަށް ފަހު ހިނގާ ފުރަތަމަ ދެ ދައުރު ނިމުމުގެ ކުރިން މަޖިލިހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، ހިނގަމުންދާ މަޖިލިހުގައި އެ ތިން މަގާމަށް ބޭފުޅުން އައްޔަން ކުރަން ވާނެ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، އަމީން އާންމު، ކައުންސެލް ޖެނެރަލް އަދި ސާޖަންޓް އެޓް އާމްސްގެ މަގާމަށް މީހުން އައްޔަން ކުރުމުގައި އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މަޖިލިހުގެ ރައީސް އާންމުކޮށް ހުޅުވާލަން ވާނެ ކަމަށާއި ޝަރުތު ހަމަވާ މީހުންގެ ނަންތައް މަޖިލިހުގެ ރައީސް މަޖިލިހަށް ހުށަހަޅައި އެއިން ކޮންމެ މަގާމަކަށް ބޭފުޅުން އައްޔަން ކުރާނީ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވާ މީހެއް ކަމަށް ވެސް ގަވައިދުގައިވެއެވެ.



