ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަގެ ތެރެއިން، މާލޭސިޓީގެ އެކި ސަރަހައްދުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ލިޔެފައި ހުރި ގްރެފިޓީތައް ނައްތާލުމުގެ ހަރަކާތްތަކުގެ ތެރެއިން، ނުރައްކާތެރި ގޭންގުތައް ރަމްޒުކޮށްދޭ ގްރެފިޓީތައް ނައްތާލަން ކުރިއަށްވުރެ ބޮޑަށް އިސްކަން ދީފިއެވެ.
މި އަހަރުގެ ޖުލައި މަހު ފެށި މި މަސައްކަތަކީ ގޭންގު ކްރައިމް އެންފޯސްޓްމަންޓުން އިސްނަގައިގެން މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އަދި މިހާރު ކުރިއަށްވުރެ ބޮޑަށް މިކަމަށްވަނީ އިސްކަމެއް ދީފައެވެ.
މި މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ހުރި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ލިޔުންތަކާއި ކުރެހުންތައް ނައްތާލާފައިވެއެވެ.
އެ ލިޔުންތަކާއި ކުރެހުންތައް ނައްތާލާފައިވަނީ އެ ސަރަހައްދުތަކަކީ އާއްމު ރައްޔިތުންނާއި ކުޑަކުދިން ޒިޔާރަތް ކުރާ ސަރަހައްދުތަކަކަށް ވާތީއާއި ކުޑަކުދިންނާ ނުގުޅޭފަދަ މަންޒަރުތަކާއި ލިޔުންތަކަށްވާތީއެވެ. މި މަސައްކަތް މާލޭ ސިޓީގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މާލޭ ސިޓީގައި ކުށްމަދު އަމާން ރަނގަޅު ވެއްޓެއް ގާއިމުކުރުމަށް ފުލުހުން ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.


