ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް މުވައްޒަފުންނަށް ޖާސޫސްކޮށް ފާރަލާފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތު ސާބިތުނުވާތީ އޭނާ މަގާމުން ވަކި ނުކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ނާސިހު ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށާއި އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކޮށްފައިވާ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އޭނާ މަގާމުގައި ބެހެއްޓުމާއި މެދު ނެގި ވޯޓުގައި މަގާމުން ވަކި ނުކޮށް ބަހައްޓަން 64 މެންބަރުން ވޯޓު ދެއްވާފައިވާއިރު، 12 މެންބަރަކު ވަނީ މަގާމުން ވަކި ކުރަން ވޯޓު ދެއްވާފައެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށް ފަހު މިއަދު އާންމުކުރި ރިޕޯޓްގައި ނާސިހްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި:
- ކޮމިޝަންގެ ބައެއް ވެރިންގެ ކޮމްޕިއުޓާ ސިސްޓަމަށާއި ސިވިސް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގައި ތިއްބަވާ ބައެއް ފަރާތްތަކުގެ ކޮމްޕިއުޓާ ސިސްޓަމަށް ސޮފްޓްވެއާއެއް އަޅައިގެން އެ މުވައްޒަފުންނަށް ޖާސޫސްކޮށް ފާރަލުން.
- ކޮމިޝަންގެ އެޑްމިނިސްޓްރޭޓިވް ސެކްޝަން އަދި ފައިނޭންސް ސެކްޝަނަށް ދެ ޑިރެކްޓަރުން ހޮވުމަށްޓަކައި ވަކި ފަރާތަކަށް ހާއްސަކޮށްގެން ގަވައިދަށް ނުވަތަ އުސޫލަށް ބަދަލު ގެނައުން.
- ކޮމިޝަންގެ ކައުންސެލް ޖެނަރަލް ޗުއްޓީއަށް ވަޑައިގަތުމުން ސީނިއާ ލީގަލް ކައުންސެލްއާ އެ މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ބަދަލުގައި އުސޫލާ ހިލާފަށް ޖޫނިއާ މަގާމެއްގެ މުވައްޒަފަކާ މަސްއޫލިއްޔަތު ހަވާލުކުރުން.
- ޕްރޮބޭޝަން ފެއިލްވެފައިވާ މުވައްޒަފެއްގެ ޕްރޮބޭޝަން ފޯމް ފުރުމަށް ފަހު އެ މުވައްޒަފު ވަޒީފާއިން ވަކި ކުރަން ސުޕަވައިޒަރު ލަފާދީފައިވަނިކޮށް އެ މުވައްޒަފު ވަކި ނުކުރަން ނިންމުން.
- ސިވިލް ސާވިސްގެ ވަޒީފާ ދިނުމުގައި އެމީހެއްގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ހުނަރާއި ގާބިލްކަމާއި ތަޖުރިބާއަށް ބެލުމެއް ނެތި ވަޒީފާ ދިނުން.
- ކުރީ ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުންގެ އެދުމަށް ވަޒީފާތަކަށް އެކި މީހުން ހަމަޖެއްސުން. ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް ކުރީގެ މިނިސްޓަރެއްގެ އެދުމަށް ވަޒީފާ ބަޔަކަށް ދީފައިވާ ކަން.
- ކުރީގެ މިނިސްޓަރެއްގެ އެދުމަށް ޕީސީބީ ބޯޑުގެ މަގާމަކަށް މީހުން އައްޔަންކޮށްފައިވުން އަދި ކުރީގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުން އެދިފައިވާ ގޮތަށް ވަޒީފާތައް ހަމަޖައްސައިދީފައިވުން.
ނާސިހުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮމިޓީން ނާސިހަށް ދީފައިވާއިރު، ނާސިހު ވަނީ ލިޔުންތަކެއް ކޮމިޓީއަށް ހުށަހަޅާފައެވެ. އަދި މިލިޔުންތަކުން މަގާމާ އެކަށީގެންވާ އަމަލެއް ނާސިހް ކޮށްފައިވާ ކަމަށް ކޮމިޓީއަށް ސާބިތު ނުވާ ކަމަށް ބަޔާންކޮށް ކޮމެޓީން ވަނީ އޭނާ މަގާމުން ވަކި ކުރަން ނުފެންނަ ކަމަށް ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފައެވެ.



