ފެނަކައިން އެކި ރަށްރަށުގައި ހިންގަމުންދާ އައު އޮފީސް އިމާރާތް ކުރުމާއި އިންޖީނުގެ ޤާއިމްކުރުމުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
އޭގެ ތެރޭގައި މ.މުލީގައި އިމާރާތް ކުރަމުންދިޔަ އޮފީސް އިމާރާތުގެ މަސައްކަތް ހިމެނެއެވެ.
ޒާމާނީ ފެންވަރަށް ތަަރައްޤީ ކޮށްފައިވާ މި އިމާރާތަކީ، އަލިފާން ނިވާ ސިސްޓަމަކާއި ފަޔަރ އެލާމް ސިސްޓަމެއްވެސް ޤާއިމްކޮށްފައިވާ އިމާރާތެއް ކަމަށް ފެނަކައިން މައުލޫމާތު ދީފައިވެއެވެ. ދެ ފަންގިފިލާއަށް އިމާރާތް ކުރަމުންދާ މި އޮފީސް އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށްވުމުން، އިމާރާތް ބޭނުން ކުރެވެން ފެށުމުން މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ކަސްޓަމަރުން މިހާރަށްވުރެ ފަަސޭހަ ވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ އަންދާޒާކޮށްފައެވެ.
މުލީގެ އިތުރުން ބ.ކެންދޫގެ ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތްވެސް ފަނަކައިން ވަނީ އެއްކޮށް ނިންމާލައިފައެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އޮފީސް އިމާރާތުގެ އިތުރަށް އައު އިންޖީނުގެއެއްވެސް އެރަށުގައި އިމާރާތްކޮށް، މިހާރުވަނީ %97 މަސައްކަތް ނިމިފައެވެ. އައު އިންޖީނުގެއާއި އޮފީސް އިމާރާތް ބޭނުން ކުރެވެން ފެށުމުން މިހާރު ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވި، އެރަށުގެ އާއްމު ރައްޔިތުންގެ އިތުރުން ވިޔަފާރިތަކަށްވެސް އޭގެ ނަފާ ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ރ.ރަސްގެތީމުގައި ޤާއިމްކުރަމުންދާ އިންޖީނުގޭގެ މަސައްކަތްވެސް މުޅީންހެން ނިންމާލެވި، އަންނަ ހަފްތާގައި އިންސްޕެކްޝަން ކުރިއަށް ގެންދެވޭނެ ކަމަށް ފެނަކައިން ބުންޏެވެ.
އައު އިންޖީނުގެތައް އިމާރާތް ކުރުމުގެ އިތުރަށް އިންގީނުގޭގެ ޑެގްރޫމް ބޮޑުކުރުމުގެ މަޝްރޫޢުތަކެއްވެސް ފެނަކައިން ކުރިއަށް އެބަގެންދެއެވެ.
އެގޮތުން ގދ.ފިޔޯރީގައި ކުރިއަށް ގެންދިޔަ ޑެގްރޫމް އެކްސްޓެންޝަން މަސައްކަތް މިހާރު ވަނީ މައި ދޮރުގެ މަސައްކަތް ފިޔަވައި އެހެން ހުރިހާ މަސައްކަތްެއް ފުރިހަމަކުރެވިފައެެވެ.
ފެނަކައިން ކުރިއަށް ގެންދާ މި މަޝްރޫޢުތަކުގެ ނިމުމުން އެރަށްރަށުގައި ފެނަކައިން ދޭ ޚިދުމަތްތައް ފުޅާކުރެވި، ޚާއްސަކޮށް ކަރަންޓުގެ ޚިދުމަތަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.




