ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންގެ ފުރާނައަށް ގެއްލުންވާ ފަދަ ހާދިސާތައް އިތުރުވާތީ، ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުން އަމަލު ކުރަންޖެހޭ ސަލާމަތީ މިންގަނޑެއް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މިފަދަ މޫދު ހަރަކާތްތަކުގައި ގިނައިން ބައިވެރިވާ މީހުންކަން ފާހަގަކޮށް މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިދިޔަ ބުރާސްފަތީގައި ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ހިދުމަތްތައް ދޭ ތަންތަނަށް ފޮނުވައި އަމަލު ކުރަން ފަށާފައިވާ ސާކިއުލާއެއްގައި ފަތުރުވެރިން އެކްސްކާޝަން ހަދާއިރު ރައްކާތެރި ގޮތުގައި އެކަންކަން ކުރުމަށާއި އެފަދަ ހިދުމަތްތައް ދޭއިރު ޒިންމާތައް ކަނޑައަޅައި އެކަންކަން ކުރާނެ ގޮތުގެ ގަވާއިދެއް ވަރަށް އަވަހަށް އެކުލަވައިލާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މިނިސްޓްރީން ފޮނުވައިފައިވާ ސާކިއުލާގައި އެ ގަވާއިދު އެކުލަވައިލުމުގެ ކުރިން މިހާރު ވެސް މޫދު ހަރަކާތްތައް ހިންގާއިރު ސަމާލުވެ، އަމަލުކުރަންވީ ގޮތްތައް ބަޔާންކޮށް ސަލާމަތީ މިންގަނޑެއް ވެސް ހިމަނާފަ އެވެ.
އެއީ ކައުންސިލް، ގެސްޓުހައުސް، ހޮޓާ، ހޯމްސްޓޭ، ޓޫރިސްޓު އުޅަނދު އަދި ޑައިވިން ހިދުމަތް ދޭ ފަރާތްތަކުން އަމަލުކުރަން ޖެހޭ މިންގަނޑެކެވެ.
އެ މިންގަނޑުގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި:
- މޫދު ކުޅިވަރުގެ ހަރަކާތެއް ފެށުމުގެ ކުރިން އެ ހަރަކާތަކާ ގުޅޭ ސަލާމަތީ ކަންކަމުގެ މައުލޫމާތު ބައިވެރިންނަށް ދިނުން
- މޫދު ކުޅިވަރުގައި ބޭނުންކުރާ އާލާތްތަކަކީ ސަލާމަތީ މިންގަނޑުތަކަށް ފެތޭ ތަކެއްޗަށް ވާން ޖެހޭނެ؛ އެ ތަކެތި ބޭނުންކުރަން ކަނޑައަޅާފައިވާ ގޮތް ނޫން އެހެން ގޮތަކަށް ބޭނުންކޮށްގެން ނުވާނެ
- ސަރަހައްދު ވަކިކޮށްގެން ހިންގާ ކުޅިވަރުތައް ހިންގަންވާނީ ކަނޑައަޅާފައިވާ ސަރަހައްދުގައި
- ފަތަން ނުދަންނަ ފަތުރުވެރިން މޫދު ކުޅިވަރުތަކުގައި ބައިވެރިކުރަން ޖެހޭނީ ލައިފް ޖެކެޓު އަޅުވައިގެން
- މޫދު ކުޅިވަރު ހިންގާ ފަރާތްތައް މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވާން ޖެހޭނެ؛ މޫސުން ގޯސްވެދާނެ ކަމަށް މޫސުމާބެހޭ އިދާރާއިން މައުލޫމާތު ދީފިނަމަ ނުވަތަ ކުޅިވަރު ހިންގާ ވަރަށްވުރެ މޫސުން ގޯސްވެއްޖެ ކަމަށް އިންސްޓްރަކްޓަރަކަށް ފެނިއްޖެނަމަ ކުޅިވަރު މެދުކަނޑާލަން ޖެހޭނެ
- މޫސުމަށް އަންނަ ބަދަލުތައް އަންގައިދޭން މެޓުން ކަނޑައަޅާފައިވާ ހުދު، ރީނދޫ، އޮރެންޖު، ރަތް އަދި ފެހި ކުލައިގެ ކަލާ ކޯޑުގެ ދިދަ ނުވަތަ ސާފަސް ބެލޫން ފަދަ ތަކެތި ބޭނުންކުރެވިދާނެ
- އިންސްޓްރަކްޓަރާއި މޫދު ކުޅިވަރު ސެންޓަރާ ދެމެދު މުއާމަލާތް ކުރެވޭނެ މުވާސަލާތީ ވަސީލަތެއް އިންސްޓްރަކްޓަރުންގެ އަތުގައި ނުވަތަ ބޭނުންކުރެވޭ ފަދަ ތައްޔާރީ ހާލަތެއްގައި އޮންނަން ޖެހޭނެ
މީގެ އިތުރުން މިނިސްޓްރީން ވަނީ މޫދު ކުޅިވަރުތަކުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހިމެނޭ ލޮގެއް ބެލެހެއްޓުމަށާއި އެ ލޮގުގައި އެމީހުންގެ ނަމާއި އައިޑީ ނުވަތަ ޕާސްޕޯޓު ނަންބަރު އެނގެން އޮންނަ ގޮތަށް ރިކޯޑް ކުރުމަށް އަންގާފައެވެ.




