ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ޕޯސްޓެއްގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަޣީބު އެމަގާމުން ވަކިކުރައްވައިފައިވާކަން ވަނީ ހާމަކުރައްވާފައެވެ.
ރަޣީބް ހާމަކުރައްވާފައިވާ ގޮތުގައި ސިޓީއެއްގެ ދަރަޖަ ދިނުމުގައި 10،000 މީހުންގެ އާބާދީ އަށް އޮންނަން ޖެހޭ އިރު، ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ސިޓީއަކަށް ޝަރުތު ހަމަވާ ކަންކަމަށް ރިއާޔަތްނުކޮށެވެ. އެހެންކަމުން އެ ޝަރުތި ތިނަދޫގައި ހަމަނުވާ ކަމަށް ރާގިބް ވިދާޅުވި އެވެ.
މީގެއިތުރުން،އެ ރަށުގެ އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނަށް ހުށަހެޅުމުން އެ ތަނުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ތިނަދޫގެ އާބާދީއަކީ 7،000 ކަން އެނގިފައިވާ ކަމަށާއި، ގާނޫނުގައިވާ މިންގަނޑަށް ނުފެތެނީސް ތިނަދު އަށް ސިޓީގެ ދަރަޖަ ދީފައި ވަނީ ކައުންސިލުން އޮޅުވާލި ލިސްޓަށް ބަލައިގެން ކަމަށް ރަޣީބު ވިދާޅުވިއެވެ.
އެހެންކަމުން ރަޣީބު ހުށަހެޅި މައްސަލައިގައި މިއީ ދައުލަތުގެ ލިޔުމެއް ގަސްދުގައި އޮޅުވާލައި، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށްވާތީ ކައުންސިލާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްސަލަ ބަލަން ވަނީ އެދިފައެވެ.
މިމައްސަލަ އަދި ހައިކޯޓުން ބަލައިގަނެފައި ނުވާއިރު، މައްސަލަ ބަލައިގަތުމާއި މެދު ހައި ކޯޓުން ބަލައި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައީސްގެ ގަރާރަކުން އޮގަސްޓް މަހުގެ 30 ގައެވެ. އެ ގަރާރުގައި ސިޓީއެއްގެ ދަރަޖަ ދެވޭ ރަށްރަށުގައި ހުންނަން ޖެހޭ ޝަރުތުތައް ތިނަދޫގައި ފުރިހަމަވެފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބުމުގައި ޤާނޫނީ ހުރަސްތަކެއް ހުރުމުން އެކައުންސިލުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް އެ މައްސަލަ ހުށަހަޅާފައެވެ.
އެއަށްފަހު ރައީސް ޑރ. މުޢިއްޒު ވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި ގދ. ތިނަދޫ ކައުންސިލަކީ، ”ތިނަދޫ ސިޓީ ކައުންސިލް“ ގެ ގޮތުގައި އަދި ގދ. ތިނަދޫ ކައުންސިލްގެ އިދާރާއަކީ ”ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ“ގެ ގޮތުގައި ހަމަޖައްސަވާފައެވެ.



